ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.
އަންގާރަ ދުވަހު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުގައި މި މުބާރާތް ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މާއްޓޭ ސްޕޯޓްސްއާއި ކްލަބް ކޮރަލްސްއެވެ. މި މެޗު 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ކޮރަލްސްއެވެ.
ކޮރަލްސްގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ މެޗުގެ ހަތަރުވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އިސްމާއިލް އީސާ (މެސީ) އެވެ. ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި މެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ކޮރަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗިގެ ދެވަނ ހާފުގައި ގިނަ ލަނޑުތަކެއް ފެނިގެން ގޮސްފައިވާއިރު، ކޮރަލްސްގެ ތިންވަނަ ލަނޑު 56 ވަނަ މިނޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޒައިދުއެވެ. މެޗުގެ 62 ވަނަ މިނެޓުގައި ކޮރަލްސްގެ ހަތަރުވަނަ ލަނޑު މެސީ ކާމިޔާބުކޮށް އޭނާ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ކޮރަލްސްގެ ފަސްވަނަ ލަނޑު ޝާހިދު ކާމިޔާބު ކޮށްދީފައިވާއިރު، ހަވަނ ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ މިއަދުގެ މެޗުގައި މޮޅު ކުޅުންތެރިއާގެ މަޤާމަށް ހޮވުނު މެސީއެވެ. ކޮރަލްސްގެ ހަތްވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މުޙައްމަދު ނަޝީދުއެވެ.
މި މުބާރާތުގެ ދެވަނަ މެޗު މާދަމާ ހަވީރު 15:50 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ފުޓްބޯޅަ ދަނޑުގައި އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) އެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ.
މުބާރާތް ރާވާލާފައި ވަނީ ކޮނެމް ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމޭއިރު ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމާއި ދެމެދު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ސެމީފައިނަލް މެޗު މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ތާވަލު ކޮށްފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ ހޯމަ ދުވަހުއެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!