ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، ހަބީބާ ހުސައިން ހަބީބަކީ ސަރުކާރަށް ވަފާތެރިވުމުގައި ވަރަށް މަތިވެރި ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހަބީބާގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވި ބަޔާނުގަ އެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވަނީ ހަބީބާ ހުސައިން ހަބީބު އަވަހާރަވުމަކީ، ވަރަށް ގިނަ ގޮތްގޮތުން ދިވެހިގައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ދިވެހި ދައުލަތަށް އެކަމަނާ ހިދުމަތްކުރެއްވި 49 އަހަރަށްވުރެ ދިގު މުއްދަތުގައި ދައްކަވާފައި ވަނީ، މަސައްކަތަށް ކަމޭ ހިއްތެވުން ކަމަށެވެ.
މީގެ އިތުރުން ދިވެހި ދައުލަތަށް އިހްލާސްތެރިވުމާއި، ސަރުކާރަށް ވަފާތެރިވުމުގައި ވަރަށް މަތިވެރި ނަމޫނާއެއް ދައްކަވާފައިވާ ކަމަށް ވެސް ލިޔުއްވާފައި ވެއެވެ.
ހަމަމިއާއެކު ލިޔުންތެރިކަމުގެ ރޮނގުންނާއި ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީހަށް ކުރެއްވި ހިދުމަތްތަކުގެ އިތުރުން، ރާއްޖޭގައި ލައިބްރަރީގެ ހިދުމަތް ތަރައްގީކުރައްވައި، ފުޅާކުރެއްވުމުގައި ހަބީބާ އަދާކުރައްވާފައި ވަނީ، ޝުކުރުވެރިވުން ހައްގު ދައުރެއްކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމާ ހަބީބާ ހުސައިން ހަބީބުގެ ފުރާނަފުޅަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެކަމަނާގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުން ނެވެ.
ހަބީބާ ހުސައިން ހަބީބު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ހަވީރު އޭ.ޑީ.ކޭ. ހޮސްޕިޓަލްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!