ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ވެރިކަމުގެ ހުވާކުރެއްވި ދުވަހު ދިވެހި ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް، މިފެންނަނީ ހަމަހަމަ 4 އަހަރު ފުރިގެންދާތަން ކަމަށެވެ.
މިއުވާން ވިދާޅުވީ ރިޔާސީ އިންތިހާބުގައި، ވޯޓު ދިން އިރު ރައްޔިތުން އިހްތިޔާރުކުރެއްވި ގޮތަށް ރައީސް ދެމިހުންނަވާނެ ކަމަށެވެ.
މީގެ އިތުރުން ސިޔާސީ ކުލަޔަކަށް، ރަށުގެ ސައިޒަށް އާބާދީއަށް، ސަރަހައްދަށް ނުބަލައި، ތަރައްގީއަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދެވޭ އެއްޗަކަށް ވެގެން ހިނގައްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ވައުދުތަކުގެ ތެރެއިން ބައެއް ވައުދުތައް ފުއްދިފައިވާ ކަމަށާއި އެ ވައުދުތަކުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހިނގަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!