ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށް އާބާދުވެފައި ވަނީ އެތަކެއް ފަހަރު މަތިންނެވެ. ކޮންމެވެސް ސަބަބަކާ ހުރެ، ރަށުގެ ވަޒަންވެރިން އެހެން ކޮންމެވެސް ހިސާބަކަށް ހިޖުރަކޮށްފައި، އަމިއްލަ ރަށަށް އަނެއްކާވެސް އާދެވޭ ގޮތަށް ކަންތައްތައް ފަހިވުމުން، އެނބުރި އައިސް ރަށް އާބާދުކުރަނީ އެވެ. މި ގޮތަށް އާބާދުވެފައިވާ ރަށްރަށް ދިވެހިރާއްޖޭގައި މަދެއް ނޫނެވެ. އަދި ހަމަ މިފަދައިން، އެކި ޒަމާނުގައި އަލަށް އާބާދުވެފައި ހުރި ރަށްރަށް ވެސް އެބަހުއްޓެވެ. މި ލިޔުމުގައި މިހިމަނާލަނީ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވި "ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ހިޖުރީ ގޮތުން 1235 ވަނަ އަހަރުގެ ފަހުން އާބާދުވީ ގޮތުގެ ވާހަކަ" އެވެ. ލުތުފީ ލިޔުއްވާފައިވާ ގޮތުގައި، މި ވާހަކަ އޭނާއަށް ދަންނަވައި ދިނީ، ކުޅުދުއްފުށީ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރެވެ. މިއީ ކުޅުދުއްފުށީ ކާސިންކަލޭގެގެ ހަތަރު ވަނަ ކާފަދަރިފުޅެވެ.

މިއަހަރުގެ ފުރަތަމަ ދުވަހަކީ ކުޅުުއްފުށި ސިޓީއަކަށް ވެގެން ދިޔަ ތާރީހީ ދުވަސް ކަމުން ކުޅުދުއްފުށީގެ ތާރީޙް އާއި ކުޅުދުއްފުށި ސިޓީގައި މީހުން އާބަދުވުމާއި ގުޅުން ހުރި ތާރީޚީ ލިއުން ހިއްސާކޮށްލީ މިއަދުގެ ޒުވާނުންނަށް މިމާއުލޫމާތު ތަކަކީ މުހިންމު މަޢުލޫމާތު ތަކެއް ކަމުގައި ފެންނާތީއެވެ.

Ad
rt

މިއީ ލުޠުފީ، ދިވެހިރާއްޖޭގައި ގެންގުޅޭ ފޯކްލޯރުއާ ބެހޭ ގޮތުން ކުރެއްވި ދިރާސާއެއްގެ ތަންކޮޅެކެވެ. އޭނާ ލިޔުއްވާފައިވެ އެވެ:

“ކޮންމެ ރަށަކާއި އެރަށެއްގައި ދިރއުޅޭ ބައެއްގެ ފަހަތުގައި ވާހަކައެއް ވާނެ އެވެ. އެއީ އެރަށަކަށް ނުވަތަ އެބަޔަކަށް ދިމާވަމުންދިޔަ ގޮތްތަކުގެ ވާހަކަ އެވެ. އެފަދަ ވާހަކަތަކަކީ ތެދު ޙަޤީޤަތެވެ. ނޫން ނަމަ ތެދާއި ދޮގެވެ. ކޮންމެ ގޮތެއްގައި ވެސް މާޒީވެ ގޮސް، މިއަދު އެކަމެއްގެ ޙަޤީޤަތް ރަނގަޅައް އެނގެން ނެތް ފޯކްލޯރެކެވެ.”

އެ މަޒުމޫނުގެ ވަރަށް ބޮޑު ބައެއް، ގެނެސްދީފައި މިވަނީ، ލުޠުފީގެ އަމިއްލަފުޅު ޢިބާރާތުންނެވެ. ކުޅުދުއްފުށީގެ ތާރީޚުގެ މުހިންމު ބައެއް ކަމަށް ވާތީ އެވެ. ކިޔުންތެރިންގެ ޝައުޤުވެރިކަން އިތުރުވާނޭ ކަމުގެ އުންމީދުގަ އެވެ:

ކުޅުދުއްފުށްޓަކީ މިއަދު ރާއްޖޭގެ އުތުރުގައި އޮތް އެންމެ މީހުން ގިނަ ރަށެވެ. އަދި މީހުން ގިނަކަމުގެ ގޮތުން މާލެ ފިޔަވައި ރާއްޖޭގައި އޮތް ތިން ވަނަ ރަށް ވެސް މެއެވެ. ރަށުގެ މީހުންނަކީ، ކަމަށް ކެރޭ ހީވާގި މުރާލި ބައެކެވެ. ސަމާސާ މިޒާޖުގެ ހާޟިރު ޖަވާބު އަވަސް ބައެއް ވެސް މެއެވެ. ރަށުގެ ގިނަ މީހުންނަކީ މަސައްކަތުގެ ތަފާތު ފަންނުތަކަށް އަރާ ތިބި ބައެއް މެއެވެ. އެބައިމީހުންގެ އަމިއްލަ ޘަޤާފަތް ހިފަހައްޓާ ބައެއް ވެސް މެއެވެ. ރަށާއި ރަށުގެ އަހުލުވެރިންގެ ދިރިއުޅުމުގެ އާދަތަކާއި ގޮތްތަކާއި ޘަޤާފަތުގެ މައްޗަށް ފުންކޮށް ވިސްނާ ނަމަ، ދެކުނު އިންޑިއާގެ މަލާބާރު އާއި ކެރެލާގެ ޘަޤާފަތާއި ގޮތްތައް ފެނިގެން ދެ އެވެ. އެކަމަކީ ރާއްޖޭގެ ތާރީޚުގެ ވަރަށް ކުރީކޮޅުން ފެށިގެން އެބައި މީހުންނަށް ލިބިފައިވާ ޘަޤާފަތެކެވެ.

ރާއްޖޭގައި ރަސްކަންކުރި ހިލާލީ ދަރިކޮޅުގެ ރަސްކަމުން ފެށިގެން ( 790ހ. އިން 965ހ. އަށް) ކުޅުދުއްފުށީގައި ބަޔަކު ވަޒަންވެރިވެ އުޅޭކަން އެނގެ އެވެ. އޭގެ މާ ކުރީގައި ވެސް އެރަށުގައި މީހުން ވަޒަންވެރިވެ އުޅުން އެކަށީގެންވެ އެވެ. އައްސުލްޠާން މުޙައްމަދު މުޢީނުއްދީން 1 ގެ ރަސްކަމުގައި ( 1214ހ. އިން 1250ހ. އަށް) އެރަދުންގެ ރަސްކަމުން ދެ ވަނަ އަހަރު، އެރަށުގައި ތިބީ ވާރުދޭ ޢުމުރުގެ ( 15- 60 އަހަރު) 112 މީހުންނެވެ. ]އަދި[ 1344ހ. ވަނަ އަހަރު އެރަށުގައި ތިބީ ވާރުދޭ 204 ފިރިހެނުންނެވެ.

މަލާބާރީން ރާއްޖެއާ ތޮޅެމުންދިޔަ ދުވަސްވަރު އެބައިމީހުންގެ އަނިޔާވެރިކަން އެންމެ ބޮޑަށް ލިބުނު ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ހިމެނެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ރަސްރަސްކަލުން މަލާބާރީންނާ ދެކޮޅަށް ކުރެއްވި ހަނގުރާމަތަކުގައި، އެރަށު ދޮންޢުމަރުކަލޭގެ އާއި އޭނާގެ އެކުވެރިން ބައިވެރިވި ކަމަށް ބުނެވެ އެވެ. މި ދޮންޢުމަރުކަލޭގެފާނުގެ ހިތްވަރުގަދަ ކަމަށްޓަކައި، އޭނާ އެދުނު ކޮންމެ ކަމެއް ރަދުންގެ ފަރާތްޕުޅުން ކޮށްދެއްވަންވަނީ ވިދާޅުބަސްފުޅު އިއްވަވާފައި ކަމަށް ވެސް ބުނެވެ އެވެ. އެހެންކަމާ އެކު އެއްދުވަހަކު ރަދުންގެ އަރިހުގައި އޭނާ ދެންނެވިކަމަށް ވަނީ، "ދައްޕަރުފިނޮޅު"، )ފަހުން ފިއްލަދޫ) އޭނާއަށް ދެއްވުމަށެވެ. ރަދުން އޭނާއަށް އެފިނޮޅު ދެއްވުމުން، ފިނޮޅުގައި ރުއްއަޅައި ރަށް އާބާދުކޮށް އެފިނޮޅު ރަނގަޅު ރަށަކަށް ހެދިކަމުގައިވި އެވެ. މިއަދުގެ ފިއްލަދޫ އަކީ އެދޮންޢުމަރުކަލޭގެ (ކަލޭފާނު) ރުއްއެޅި ފިނޮޅެވެ. އަހަރަކު އެއްފަހަރު ދޮންޢުމަރުކަލޭފާނުގެ ހަނދާން މިއަދު ވެސް ފިއްލަދޫ ރައްޔިތުން ފާހަގަކުރެ އެވެ. މި ކަލޭގެފާނު ނިޔައުވުމުން ވަޅުލައިފައިވަނީ ކުޅުދުއްފުށީ އިހު ހުކުރުމިސްކިތު ގަބުރޫސްތާނުގަ އެވެ.

"ކޭލަކުނު ތަޅާލި ވިއްސާރަ” އިގެ އަސަރު ކުޅުދުއްފުށްޓައް ވަރަށް ބޮޑަށް ފޯރި އެވެ. ރަށުގެ މީހުން މަރުވެ އަނެއް ބަޔަކު ރަށުން ފައިބައިގެން ދިޔަ އެވެ. ނަމަވެސް ރަށް މުޅިން ފަޅުވިކަމަކަށް ނުވެ އެވެ. ރަށުގެ ގެތައް ވަޔާ ބުރައިގެންދިޔަ އެވެ. ރުއްގަސް ވެއްޓުމުގެ ސަބަބުން ގިނަ ގެތަކެއް ހަލާކުވެ، ގޭގެޔާއި ރުއްގަހުގެ ދަށުވެ ގިނަ ބަޔަކު މަރުވިކަމަށް ވެސް ވެއެވެ. ވިއްސާރައިގެ އަސަރު މައިތިރިވިއިރު، ރަށުގައި ތިބީ ހަ ކައިވެނީގެ މީހުންނެވެ. މިމީހުންގެ ޢަދަދެއް ކަނޑައަޅައި އެނގޭ ކަމަކަށް ނުވެ އެވެ.

ވިއްސާރަ ޖެހުނުއިރު ރަށުގެ ޚަޠީބަކަށް ހުރީ މުޢައްލިމް އިސްމާޢީލުގެ އަބޫބަކުރެވެ. ވިއްސާރައިގައި މި އަބޫބަކުރަށް ވީނުވީ ގޮތެއް ނޭނގެ އެވެ. އަބޫބަކުރުގެ ކާޞިންކަލޭގެގެ އަށް ދަރީންނާއި އޭނާގެ އަންހެނުން ތިބި ގެ އެމީހުންގެ މައްޗަށް ވެއްޓި، އެއެންމެން މަރުވީކަމުގައި ވެސް ބުނެވެ އެވެ. ވިއްސާރަ އަށް ފަހު ރަށުގެ އިސް މީހެއްކަމަށް އުޅުނުކަމަށް ވަނީ އަބޫބަކުރުކަލޭގެ ދަރި ކާސިމް (ކާސިންކަލޭގެ) އެވެ.

އެވަރުގަދަ ވިއްސާރައިގެ ޚަބަރު މާލެ އަށް ލިބުމުން، ބަނޑޭރިބޭކަލުން އެރަށަށް ދުރުވެ ރަށުގައި ތިބި މަދު މީހުންކޮޅު ރަށުން ބޭލުމަށް ގަސްދުކުރެއްވި އެވެ. ނަމަވެސް ކާސިންކަލޭގެ ކުރި އާދޭހުގެ މައްޗަށް އެބޭކަލުން އެކަން ހުއްޓާލެއްވީ ކަމަށާއި ރަށުގެ ރައްޔިތުންގެ ރުހުމާ އެކު ރަށުގެ ވެރިކަން ޙަވާލުކުރެއްވީ ކާސިންކަލޭގެއާ ކަމުގައި ވެސް ބުނެ އެވެ.

އަބޫބަކުރުގެ ވެރިކަމުގައި ރަށް އާބާދު ނުވާތީ، މިލަދުންމަޑުލު ދެކުނުބުރީ ބަނޑައިދިއްދޫން (މިހާރު ފަޅުރަށެއް) "ކަނބޯރަނި” ކިޔާ މީހަކު ގެނެސް، ރަށަށް ފަންޑިތަ ހެދުމަށް ފަހު ރައްޔިތުންނާ ސުވާލުކުރިކަމަށް ވަނީ ‘ރައްޔިތުން ބޭނުންވަނީ ރަށުގައި ގުއި ގިނަވުންތޯ އާއި ގުއި މަދުވުންތޯ’ އެވެ. ފަންޑިތަވެރިޔާ ގަސްދުކުރި މާނަ ނުވިސްނިގެން، ރަށްޔިތުން ބުނިކަމަށް ވަނީ 'ބޭނުންވަނީ ގުއި މަދުވުމަށެވެ’. މިއަށް ފަހު، ފަންޑިތަވެރިޔާ ފިލައެއްގައި ލިޔުނު އެއްޗެއް ލިޔެ، ހުކުރުމިސްކިތު ޤިބުލަ ކިބައިގައި ބެހެއްޓި އެވެ.

މި ފިލާގައި އޮތީ 1197ހ. މި ސަނަތުކަމަށް ވެއެވެ. މިފިލާ މިހާރު ވެސް އެރަށުގެ ކުރީގެ ހުކުރުމިސްކިތުގައި އެބަ ހުއްޓެވެ. ކަނބޯރަނިން ރަށަށް ފަންޑިތަ ހެދި ފަހުން ވެސް ރަށުގެ އާބާދީ ދިޔައީ މަދުވަމުންނެވެ. މިހެންވުމާ އެކު ކޭލަކުނު ތަޅާލި ވިއްސާރަ އަށް ފަހު ކާސިންކަލޭގެ އަށް ރަށުގެ ވެރިކަން ލިބިގެން އޭނާ ދުރުވީ ނ. ބަނޑައިދިއްދު އަށެވެ. ކަނބޯރަނިން ދުނިޔޭގައި ހުރި ނަމަ، ރަށަށް ފަންޑިތަ ހަދަން އޭނާ ބަލަ އެވެ. ނަސީބު ރަނގަޅުކަމުން އެ ފަންޑިތަވެރިޔާ ދުނިޔޭގައި ހުއްޓެވެ. ކުރީ ފަހަރު ފަންޑިތަ ހެދީމާ ވެސް، ރަށުގެ އާބާދީ ގިނަނުވާކަމަށް ކާސިންކަލޭގެ ބުނުމުން ކަނބޯރަނިން ބުނީ

“ރަށުގެ ރައްޔިތުން އެދުނީ ރަށަށް ގުއި ގިނަނުވުމަށް ފަންޑިތަ ހަދާށެވެ. ވީމާ ފަންޑިތަ ހެދީ އެގޮތަށެވެ.”

ކާސިންކަލޭގެއާ އެކު ކަނބޯރަނިން ކުޅުދުއްފުށްޓަށް އައިސް، ކުރިން އޭނާ ލިޔުނު ފިލާގައި ލިޔުނު ލިޔުންތައް ފޮހެލާފައި، އަލުން އެފިލާ ލިޔުނުއިރު ކުރީގައި ޖަހާފައި އޮތް ސަނަތު އޮތް ގޮތަށް ބޭއްވި އެވެ. އޭގެ ފަހުން އެއް ދުވަހުން އަނެއް ދުވަހަށް ކުޅުދުއްފުށީގައި މީހުން ގިނަވާން ފެށިކަމުގައި ބުނެވެ އެވެ.

އަބޫބަކުރު ޚަޠީބުގެ ޒަމާނުގައި ބިނާކުރި މިސްކިތް ހުރީ މިހާރު ވެސް އެރަށު އިހު ހުކުރުމިސްކިތް ހުރި ތާނގަ އެވެ. މިސްކިތް ހުރީ ފަނުން ހިޔާކޮށްފަ އެވެ. އެމިސްކިތުގައި ރޯވެ އެނދީކަމުގައި ބުނެވެ އެވެ. ނަމަވެސް މިސްކިތުގެ ޤިބްލަ ފަރާތުގައި ހުރި ފިލައެއް ނާނދަ އެވެ. އެކަމަކު މިހާރު ވެސް އަލިފާނުގެ ސަބަބުން އެފިލަޔަށް ލިބުނު ގެއްލުމުގެ އަސަރު ފެންނާން ހުރެ އެވެ. މިހާރު ހުރި މިސްކިތަކީ ކާސިންކަލޭގެފާނުގެ ވެރިކަމުގައި ބިނާކުރެވުނު މިސްކިތެކެވެ. މިސްކިތް ބިނާކޮށް ނަމާދުކުރަން ފެށީ 1283ހ. ގަ އެވެ. ކާސިންކަލޭގެ ނިޔައުވީ 1294ހ. ވަނަ އަހަރުގަ އެވެ.

ކާސިންކަލޭގެގެ ބެލުމުގެ ދަށުން މިސްކިތް ބިނާ ކުރެއްވުމަށް ފަހު، ރަށުގެ ބޮޑުމާވަޑިޔާގެ ކިބައިން އެދުނީ އެމިސްކިތް ހިޔާކޮށްދިނުމަށެވެ. ނަމަވެސް އެމާވަޑިޔާ އެކަން ކޮށްނުދިނީ "ތިމަންނަމެން މަރުވީމާ މިސްކިތް ވޮށް އަލިވާ ހިސާބުގައި ވެސް ވަޅުނުލާނޭ” ކަމަށް ބުނެ އެވެ. ކާސިންކަލޭގެ މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް ގޮސް، އެރަށު މާވަޑި ތަކުރުފާނު ގޮވައިގެން އައިސް، މިސްކިތް ހިޔާކުރީކަމަށް ބުނެވެ އެވެ. މި މާވަޑިތަކުރުފާނާއި ކުޅުދުއްފުށީ މާވަޑިކަލޭގެއާ ދެ މީހުން ވެސް ވަޅުލެވިފައިވަނީ އެމިސްކިތު ޤަބުރަސްތާނުގަ އެވެ.

ކޭލަކުނު ތަޅާލި ވިއްސާރައަށް ފަހު، ރަށް އާބާދުކުރުމުގެ މަސައްކަތުގައި ކާސިން ޚަޠީބު އުޅުނުއިރު އޭނާގެ އެންމެ ބޮޑު ހިތާމަޔަކީ އެކަނިވެރިކޮށް އުޅެން ޖެހުމެވެ. އެހެންވެ އޭނާ މީހަކާ އިނުމަށް ގަސްދުކުރި އެވެ.

ކުޅުދުއްފުށީ ކުރުބެ އާއި އޭނާގެ ދަރި އާމިނާ އަކީ ފިއްލަދޫ ޚަޠީބުގެ ވަރަށް ގާތް ދެ އެކުވެރިންނެވެ. އެހެންކަމުން ކޭލަކުނުތަޅާލި އަހަރު ރަބީޢުލްއައްވަލުމަހު 12 ދުވަހުގެ ކެއްކުންތަކުގައި ފިއްލަދޫ ކަތީބާ އެހީވާން ކުރުބެ އާއި އޭނާގެ ދަރި އާމިނާ ފިއްލަދު އަށް ދިޔަ އެވެ. ވިއްސާރަޖެހުނީ އެބައި މީހުން ފިއްލަދޫގައި އުޅެނިކޮށެވެ. ވިއްސާރައިގެ ކަންތައް ހަމަޖެހުނު ފަހުން އެއްދުވަހަކު ކުރުބެ ރަށަށް އައީ ފިއްލަދޫން ގުރު ކާށިފައްޗަކާއި ރަނގަޅު ކާށިފައްޗެއް ހިފައިގެންނެވެ.

ކުރުބެ ރަށަށް އައިރު އޭނާގެ ގެ ވެސް ވަނީ ވެއްޓި ހަލާކުވެފަ އެވެ. އެހެންކަމުން އޭނާ ވަންނާނެ ތަނެއް ނެތުމުން ދިޔައީ ކާސިންކަލޭގެ ގެއަށެވެ. ކާސިންކަލޭގެއާ ވާހަކަދައްކައިގެން އޭނާގެ ގެ ގެއަކަށް ބަލައިގެން ދެތިންދުވަހު ހުރެލާފައި އޭނާ އެނބުރި ދިޔައީ ފިއްލަދޫއަށެވެ. އެފަހަރު ގެނައި ދެ ފަތި ކާށި ވެސް ދިނީ ކާސިންކަލޭގެއަށެވެ. ރަނގަޅު ކާށިފަތި ކެއުމަށް ބޭނުންކޮށްފައި، ގުރުކާށިފަތި ހިފައިގެންގޮސް ކުޅުދުއްފުށީ އުތުރުކޮޅު ކުޅި ކައިރީގައި އޮތް "ކިލަލޭ” ކިޔާ ތާނގައި ކާސިންކަލޭގެ އެކާށިތައް ވަޅުލި އެވެ. ކޮންމެ ހަފްތާއަކު ކުރުބެ އެރަށަށް އާދެ އެވެ. އަންނައިރު ދެ ވައްތަރުން ދެ ފަތި ކާށި ގެނެ އެވެ. މިދެ ފަތި ކާށި ދެނީ ކާސިންކަލޭގެއަށެވެ. ކޮންމެ ފަހަރަކު ވެސް ގުރުކާށި ފަތި ކުޅީ ކިލަލުގައި ވަޅުލަ އެވެ. ދުވަސްކޮޅެއް ވީއިރު، ރަށުގެ އުތުރުކޮޅުގައި ވަރަށް ބޮޑު ރުއްދަނޑެއް ހެދިއްޖެ އެވެ.

ކާސިންކަލޭގެ ބުނެގެން ކުރުބެ އޭނާގެ ދަރި އާމިނާ ރަށަށް ގެނެސްފި އެވެ. މިއާމިނާއާ ކާސިންކަލޭގެ އިނދެގެން ދުވަސްތައް ވޭތުކުރަމުން ދެ އެވެ. އާމިނާގެ ބަނޑުން ކާސިންކަލޭގެ އަށް އަށް ކުދިން ލިބުނެވެ. ހަތަރު ފިރިހެންކުދިންނާއި ހަތަރު އަންހެން ކުދީންނެވެ. އެ ހަތަރު ފިރިހެން ދަރީންނަކީ އިބްރާހިމްކަލޭގެ އާއި މުޙަންމަދު ކަލޭގެ އާއި އަބޫބަކުރުކަލޭގެ އާއި މޫސާކަލޭގެ އެވެ.

އިހުގައި ކުޅުދުއްފުށި ބެހިފައި އޮތީ ބޮޑު ތިން ޢާއިލާއަށެވެ. އެއީ ކާސިންކަލޭގެ ޢާއިލާއާއި ބައްދުޢާއިލާ އާއި ދޫނިއަލިކަލޭގެ ޢާއިލާގެ މައްޗަށެވެ. މިއަދުގެ ކުޅުދުއްފުށީގެ ސަބް ޢާއިލާތައް މި ތިން ޢާއިލާ އިން ނެއްޓި ނުދާކަމަށްވެ އެވެ.”

ނޯޓް: މިއީ ފަތްތޫރައިގެ 122 ވަނަ ނަންބަރުގައި، އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުތުފީ ލިޔުއްވި “ހދ. ކުޅުދުއްފުށި އާބާދުވީ ގޮތް” މި މަޒުމޫނުން ނެގި ލިޔުމެކެވެ. ޢިބާރާތްތަކަކީ އެމަނިކުފާނުގެ ޢިބާރާތްތަކެވެ. ރާއްޖެ އަށް “ކޭލަކުނު ތަޅާލި ވިއްސާރަ” ޖެހުނީ ޑިސެމްބަރު ،30 1819 ގައެވެ. މިއީ ބުނެވޭ ގޮތުގައި ވަރަށް ވަރުގަދަ ނަގޫރޯޅިއެކެވެ. ތިލަދުންމަތީން ފަށައިގެން މިލަދުންމަޑުލުގެ ބައެއް ރަށްރަށަށް ގަދަވިއްސާރަ ޖެހި، ބޮޑެތި ގެއްލުން ލިބުނެވެ.