ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރްއެޗް) ގައި ލެޕަރޮސްކޯޕިކް ސާރޖަރީތައް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިކަން ހާމަކުރެއްވީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

Ad
rt

އެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ލެޕަރޮސްކޯޕިކް ސާރޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ ޒަރީއާއިން ބަލައިގެން ކުރެވޭ ލުއި އޮޕަރޭޝަނެއް ކަމަށެވެ.

މި ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާއިރު، ކޭއެޗްއާރް ގައި ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ އިމްޕްލާންޓްސް ހޯދުމަށް ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ ސެޕްޓެމްބަރ 25 ވަނަ ދުވަހު އެވެ.

މި އެއްބަސްވުމުގައި ކޭއާރުއެޗުގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ދާއޫދު (ޑޭވިޑް) އެވެ. ނިއޯމެޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ރަޝީދެވެ. މިއީ 4.9 މިލިއަން ރުފިޔާގެ ޓްރޯމާ އިމްޕްލާންޓްސް އެކެވެ.

މި އެއްބަސްވުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގަމުން އަންނަ އެ ހޮސްޕިޓަލަކީ ކޮންމެދުވަހަކު ވެސް ގިނަ އަދަދަކަށް މީހުން ހިދުމަތް ހޯދަމުން އަންނަ ތަނެކެވެ. އޭގެ ތެރޭގައި އެރަށާއި އެ އަތޮޅުގެ އިތުރުން އެހެން އަތޮޅުތަކުގެ ރައްޔިތުން ވެސް ހިމެނެ އެވެ.