އެމެރިކާގެ ސްޓޭންޑާޑް ހޮޓަލްސްގެ އޭޝިއާ ސަރަހައްދުގައި ހުޅުވި ފުރަތަމަ ތަން ރާއްޖޭގައި ހުޅުވައިފިއެވެ.

ރާއްޖޭގައި ހުޅުވާފައިވަނީ އެމެރިކާގެ ދަ ސްޓޭންޑާޑް ހޮޓެލްސް އިން ހަވާލުވުމަށް ފަހު ރ. ހުރުވަޅީގައި ހަދާފައިވާ ކާޕޭޑިއަމް ބީޗް ރިސޯޓް އެންޑް ސްޕާ އެވެ.

Ad
rt

ދިވެހި ކުންފުންޏެއް ކަމަށްވާ ކާޕޭޑިއަމް މޯލްޑިވްސް އިން ތަރައްގީކޮށްފައިވާ ކާޕޭޑިއަމް ބީޗް ރިސޯޓްގައި ޕްރައިވެޓް ސުވިމިން ޕޫލްއާ އެކު ހަދާފައިވާ 115 ކޮޓަރި ހިމެނެއެވެ.މި ކުންފުންޏަކީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ލިލީ އިންޓަނޭޝަނަލްގެ އެއް ހިއްސާދާރު ކަމަށްވާ އާމިރު މަންސޫރުގެ ކުންފުންޏެކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވި ކާޕޭޑިއަމް ބީޗް ރިސޯޓާ ދަ ސްޓޭންޑާޑް ހޮޓެލްސް އިން ހަވާލުވެ މަރާމާތުކުރުމަށް ފަހު މި މަހުގެ 1 ވަނަ ދުވަހު އަލުން ހުޅުވާފައި ވަނީ ދަ ސްޓޭންޑާޑް ހުރުވަޅި މޯލްޑިވްސްގެ ނަމުގަ އެވެ.

އަލަށް ހުޅުވިއިރު މި ރިސޯޓްގައި ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ސަގާފީ ކަންކަން ހިމެނޭ ޕްރޮގްރާމްތައް ގެސްޓުންނަށް ހުށަހަޅައިދޭނެ އެވެ. އޭގެ ތެރޭގައި ބީޗު ޕާޓީތަކާއި މޫދު ފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ "ގްލާސް ބޮޓަމް ނައިޓްކްލަބް" އެއްގެ އިތުރުން، ކޮންމެ ކޮޓަރިއެއްގެ ފާހާނައިގައި ޑިސްކޯ ބޯޅައެއް ހަރުކޮށްފައި ހުރެ އެވެ.

މި ރިސޯޓްގައި ހަ ރެސްޓޯރަންޓު ހުންނަ އިރު މި ތަންތަނުން ބާބެކިއު އަދި މި ރަށުގައި ހައްދާ ތަކެތިން ތައްޔާރުކުރާ ދިވެހި ކެއުންތައް ލިބެން ހުރެއެވެ.

ދަ ސްޓޭންޑާޑް ސްޕާގައި ނުވަ ޓްރީޓްމަންޓް ރޫމް ހިމެނޭއިރު، ހަށިގަނޑުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލްކަން ހޯދާފައިވާ ތަފާތު އެކި ޓްރީޓްމަންޓްތައް މި ތަނުން ލިބެން ހުރެ އެވެ. އަދި ޔޯގާ ހަދާނެ ތަނަކާއި ސައުނާ ފަދަ ވަސީލަތްތައް ވެސް މި ތަނުގައި ހުރެ އެވެ.

މީގެ އިތުރުން މި ރިސޯޓަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް މި ރަށާއި ކައިރި ރަށްރަށުގެ ކަނޑުއަޑީގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އެގޮތުން، ގައިޑެޑް ސްނޯކްލިން ފަދަ ތަފާތު ކަންކަން މި ރިސޯޓުގެ ޑައިވް ސެންޓަރުން ލިބެން ހުރެ އެވެ.

ދަ ސްޓޭންޑާޑް ހުރުވަޅި މޯލްޑިވްސް އަކީ ދަ ސްޓޭންޑާޑް ހޮޓަލްސް އިން އޭޝިއާގައި ހުޅުވި ފުރަތަމަ ހޮޓަލެވެ.އިތުރު ގައުމު ތަކުގައި މިހާރުވެސް އެމީހުންގެ ހޮޓެލްތައް ހިންގަމުން ދާއިރު އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑޮނީޝިއާ، ވިއެޓްނާމް އަދި ތައިލެންޑް ދަ ސްޓޭންޑާޑް ހޮޓާތައް ހުޅުވަން ވަނީ ހަމަޖެހިފައިއެވެ.