އެކުވެރި ދައުލަތްތައް (އ.ދ)ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގެންނެވުމަށް މިޞްރަށް ކުރައްވާ ދަތުރުފުޅެއްގައި ނައިބު ރައީސް، ފައިޞަލް ނަސީމް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

މިޞްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ މި ކޮންފަރެންސްގައި ޤައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާއިރު، ކޮޕް27ގެ މަތީ ފަންތީގެ ވަށްމޭޒު މަޝްވަރާތަކުގައި ނައިބު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

Ad
rt

ރައީސް އޮފީހުން ވިދާޅުވާގޮތުގައި، ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ޙާލަތްތަކާ އަދި ކުރިމަތިވާ މާލީ ދަތިކަމާބެހޭގޮތުން ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ކުދިޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ވަކާލާތު ކުރައްވަމުންގެންދަވާ ލީޑަރެއްކަން އެ އޮފީހުން ފާހަގަ ކުރައްވައެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން ވަނީ 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން ވެސް އިޢުލާނުކޮށްފައެވެ.

މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާގޮތެއްގައި މާލީކަންކަން ފަހިކުރުންފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ. މި ސަމިޓްގައި ދުނިޔޭގެ އެތައް ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ބައިވެރިވެއެވެ.

ކޮޕް 27 އިންތިޒާމު ކުރަނީ މިޞްރު ސަރުކާރުން ކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.