ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ފަށައިފިއެވެ.

ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި މި މުބާރާތުގެ ކުޅުން ފަށާފައިވާއިރު، މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެފައި ވަނީ އަންހެން ކެޓަގަރީގެ މެޗެކެވެ. އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ޒީރު ސްޓާރސްއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެސް ވިމެންސް ޓީމުންނެވެ.

Ad
rt

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ސީއެސް ވިމެންސް ޓީމްގެ ޖޯޒީ ނަމްބަރު 14، ފަތިމަތު ޒަހްރާ އާދަމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ އޭނާއެވެ.

ރޭ ފިރިހެން ކެޓަގަރީގައި ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބެވެ. މި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގައި ބީޗް ސިޓީއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ޖުމައިލް ޖަމީލްގެ އިތުރުން އަލީ މަލާޝްއެވެ. ޒީރު ސްޕޯޓްސް ކުލަބަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ އަލީ ހާފިޒް (ހާއްޕެ) ގެ އިތުރުން ނާސިފް ހުސެއިންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބީޗް ސިޓީގެ ޖޯޒީ ނަމްބަރު 13، ޖުމައިލް ޖަމީލެވެ.

މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ލަޔަންއާއި އައްޓޯ އެފްސީއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 16:30 ގައެވެ. މުބާރާތުގައި މިރޭ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފިރިހެން ކެޓަގަރީގެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 20:00 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ލެންޓާން އެފްސީއާއި އެސްޕޯޓެސް ޖުވެނިސްއެވެ. މިރޭ ކުޅޭ އަންހެން ކެޓަގަރީގެ މެޗުގައި ޓާފް ކުއީން ނުކުންނާނީ ބީޗް ސިޓީ ވިމެންސްއާއި ދެކޮޅަށެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 21:00 ގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.