މުފްތީ މެންކުގެ މިފަހަރުގެ ދަރުސްތަކުން ވެސް ދިވެހިންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް، ރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރިން އަންގާރަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނެވެ.
މުފްތީ ފުރާވަޑައިގެންނެވީ އަންގާރަދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީން ދެއްވި ދައުވަތު ގަބޫލުކުރައްވާ ރާއްޖެއަށް ވަޑައިގެން މާލެއާއި އަތޮޅުތެރޭގައި ވެސް ދީނީ ތަގްރީރުތައް ދެއްވިކަމަށްޓަކައި އުފާކުރައްވާ ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ދަރުސްދެއްވި މައުޟޫޢުތަކަކީ ރާއްޖެއަށް ވަރަށް މުހިއްމު މައުޟޫތަކެއްކަން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މުފްތީ އަކީ ދިވެހިންގެ ނުހަނު ލޯތްބާއި އިހްތިރާމް ލިބިލައްވާފައިވާ ބޭފުޅެއް ކަމަށާއި މާ ދުރުނޫން މުސްތަގުބަލެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާނެ ކަމަށް ވެސް ޑރ އަހްމަދު ޒާހިރު އަލީ ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެ އައުމަށް ދައުވަތު ދެއްވީތީ ވަރަށް އުފާ ކުރައްވާ ކަމަށާއި ރާއްޖެ އައުމުން ބެހެއްޓެވި ގާތްކަމާއި މެޙްމާންދާރީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް މުފްތީ ވިދާޅުވި އެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ކުރައްވާ މަސައްކަތަށްޓަކައި ޝުކުރުއަދާކުރައްވާ އެމަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރެއްވި އެވެ.
މުފްތީ މެންކްގެ މި ދަތުރުފުޅުގައި ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއާއި ގްރޭޓަރ މާލެ ސަރަހައްދުގައި ވަނީ ތަފާތު މައުޟޫޢުތަކަށް ދަރުސް ދެއްވާފަ އެވެ. މިއިން ކޮންމެ ދަރުހަކަށް ވެސް އެތައް ބަޔަކު ހާޒިރުވި އިރު ރޭޑިއޯއާއި ޓީވީ އަދި އޮންލައިންކޮށް ވެސް މި ދަރުސްތަކަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!