ރާއްޖޭގައި ނަފްސާނީ ބަލިތަކަށް މިވަރުގެ ސަމާލުކަމެއް ލިބެންފެށީ އަދި ކިރިޔާ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމަ ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.
ނަސީމް ވިދާޅުވީ ނަފްސާނީ ބަލިތަކަކީ ދިރިއުޅުމާއި އުޅޭ މާހައުލާއި ވަރަށް ބޮޑަށް ގުޅިފައިވާކަމެއް ކަމަށާއި ނަފްސާނީ ބަލިތައް އިތުރުވެގެންދިޔައީ ލޮކްޑައުންގެ ތެރޭގައި ކަމަށެވެ.
މީގެ އިތުރުން މި މައްސަލައަށް ނުވަތަ މި ބައްޔަށް ހައްލެއް ހޯދުމަކީ، ހަމައެކަނި ހެލްްތު މިނިސްޓްރީއަށް ކުރެވޭނޭ ކަމެއް ނޫން ކަމަށާއި މިކަމުގައި މުޅި މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ނަފްސާނީ ބަލިތަކަކީ ހީކުރާ ވަރަށްވުރެ މާ ސީރިއަސް މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ނަފްސާނީ ފަރުވާ ދިނުމަށް ޑިޕާޓްމަންޓެއް ގާއިމްކުރީ މިސަރުކާރުން 2019 ވަނަ އަހަރު އެވެ. އެއަށްފަހު މިއަހަރު ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތު ޑިޕާޓްމަންޓެއް ވަނީ ގާއިމްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!