މަރާމާތަށް ބަންދުކުރި ކުޅުދުއްފުށީ މަސްޖިދުލް ހަޟާރާތް، މަރާމާތުގެ މަސައްކަތްނިމި އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މަރާމާތަށް ބަންދުކުރުމަށް ފަހު މި މަހުގެ 28 ވާ ހުކުރު ދުވަހުގެ، ހުކުރު ނަމާދުން ފެށިގެން އެ މިސްކިތް ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށެވެ.

Ad
rt

ދެ ފަންގިފިލާ ހިމެނޭ އެ މިސްކިތް ފާއިތުވި ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު ބަންދުކޮށްފައި ވަނީ ގްރައުންޑް ފްލޯގެ މަރާމާތަކަށެވެ. ގްރައުންޑް ފްލޯ މިހާރުވަނީ ވިނެލް އަޅައިގެން ތަރައްޤީ ކޮށްފައެވެ. ވުމާއެކު ގޮނޑީގައި ނަމާދުކުރައްވާ ބޭފުޅުން، ނަމާދުކުރެއްވުމަށް ވިނެލްގައި ބެހެއްޓިފައިވާ ގޮނޑިތައް ޚިޔާރު ކުރުމަށާއި، އެ ނޫން ގޮނޑިއެއް ބޭނުން ކުރައްވާނަމަ ވިނެލްއަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމަކަށްވާތީ އެ ނޫން ގޮނޑިތައް ބޭނުން ނުކުރުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ކުޅުދުއްފުށީގައި ހުންނަ އެންމެ ބޮޑު މިސްކިތްކަމަށްވާ މަސްޖިދުލް ހަޟާރާތް، މަރާމާތަށް ބަންދުކުރުމާއިއެކު، އެ ދުވަސްތަކުގައި ފިރިހެން ބޭފުޅުން ނަމާދުކުރުމަށް ބޭނުންކުރި މަސްޖިދުލް ނަޞްރުގައި އަންނަ ހުކުރު ދުވަހުން ފެށިގެން ފިރިހެން ބޭފުޅުން ނަމާދުކުރުން ހުއްޓާލަން ވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

އެ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް 1,586,860.86 ރުފިޔާ އަށް ކޮށްފައި ވަނީ ގިބްސް ޕްރައިވެޓް ލިމިޓެޑުންނެވެ.