ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ ޤައުމާއި މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެ އެވެ.
އެ އޮފީހުން ވިދާޅުވީ ރައީސް ސާލިހު ޤައުމާއި މުހާތަބްކުރައްވާނީ މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް މިރޭ 8:30 ދަރުބާރުގޭގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް ލިބިވަޑައިގަންނަވާއިރު، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅުންނާއި 3 ފަރާތަކަށް ދެއްވުމަށް ވަނީ ނިންމަވާފަ އެވެ.
މިއީ ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި އެކި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކުރުމާއި ހިތްވަރުދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ އިނާމެކެވެ. އަދި ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމްޢިއްޔާ، ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ވެސް މި އިނާމު ދެއްވަ އެވެ.
ޤައުމީ އިނާމަށް މިއަހަރު ހުޅުއްވައިލައްވާފައިވަނީ، މައިގަނޑު 34 ދާއިރާއަކުން ނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް ހުށައެޅުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކާ، ކުންފުނި، ޖަމުޢިއްޔާ ޖަމާޢާތަކަށްވެސް ހުޅުވާލި އެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮވާފައިވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީން ނެވެ. މިފަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!