ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން މިލަންދޫއާއި ކަނޑިތީމް ޖާގަ ހޯދައިފިއެވެ.

މިއަދު މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއް ކުޅެ ވަނީ ނިމިފައެވެ. ގްރޫޕް އޭގެ ފަހު މެޗުގައި މިއަދު މިލަންދޫއާއި ނަރުދޫ ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ މިލަންދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މިލަންދޫ ޓީމްގެ މުޙައްމަދު އަރީފްއެވެ.

Ad
rt

މި ނަތީޖާއާއިއެކު ގްރޫޕް އޭގެ ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައި މިލަންދޫ ވަނީ ސެމީފައިނަލުން ޖާގަ ހޯދާފައެވެ. މިލަންދޫން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ޖުމްލަ 12 ޕޮއިންޓް ހޯދާފައެވެ. ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއިއެކު މި ގްރޫޕްގެ ދެވަނަ ހޯދައި ނަރުދޫ ވަނީ ސެމީގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކުޅޭ ޕްލޭއޮފުން ޖާގަ ހޯދާފައެވެ. މި ގްރޫޕްގެ ތިންވަނާގައި ހަތަރު މެޗުން ލިބުނު 6 ޕޮއިންޓާއިއެކު މަރޮށި އޮތްއޮރު، ހަތަރުވަނާގައި އޮތީ ފޯކައިދޫއެވެ. ތާވަލުގެ ފުލުގައި އޮތީ ފީވަކެވެ.

ގްރޫޕް ބީގެ މެޗުތައް ވެސް މިއަދު ކުޅެ ނިމިފައިވާއިރު ކަނޑިތީމުން ވަނީ 6-2 ގެ ނަތީޖާއިން ނޫމަރާ ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކަނޑިތީމްގެ ޖޯޒީ ނަމްބަރު 80، މުޙައްމަދު ޝާންއެވެ. މި ގްރޫޕްގެ ފަހު މެޗުގައި ފޭދޫ ވަނީ 11-0 ގެ ނަތީޖާއިން ބިލެއްފަހީގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފޭދޫގެ ޖޯޒީ ނަމްބަރު 14، އިސްމާއިލް ފަޒީންއެވެ.

މި ގްރޫޕުގައި ކަނޑިތީމުން ވަނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްފައެވެ. ޖުމްލަ 12 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނަ ހޯދައި ކަނޑިތީމުން ސެމީގެ ޖާގަ ކަށަވަރުކުރި އިރު، މި ގްރޫޕުން ސެމީގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ކުޅޭ ޕްލޭއޮފުން ޖާގަ ހޯދާފައި ވަނީ ގޮއިދޫއެވެ. ގޮއިދޫއަށް ޕޮއިންޓް ތާވަލުގެ ދެވަނަ ލިބިފައި ވަނީ ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއި އެކުގައެވެ. މި ގްރޫޕް ތިން ވަނާގައި ފޭދޫ އޮތްއިރު ހަތަރު ވަނާގައި އޮތީ ނޫމަރާއެވެ. ތާވަލުގެ ފުލުގައި އޮތީ ބިލެއްފައްސެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން މިހާތަނަށް ޖާގަ ހޯދާފައިވާ ޓީމް ތަކަކީ ފުނަދޫ، މިލަންދޫގެ އިތުރުން ކަނޑިތީމެވެ. ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރުމަށް ތިން ގުރޫޕްގެ ދެވަނަ ހޯދި ތިން ޓީމްގެ މެދުގައި ކުޅޭ ޕްލޭއޮފް މެޗުތައް ފެށުމަށް ތާވަލު ކޮށްފައި ވަނީ މާދަމާއެވެ. ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ދެވަނަ ޓީމް ކަމުގައިވާ ނަރުދޫއާއި ގްރޫޕް ސީގެ ދެވަނަ ހޯދި ކޮމަންޑޫ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޅައިމަގު ފުޓްސަލް ދަނޑުގައެވެ.

އެއަށްފަހު ޕްލޭއޮފް ފުރަތަމަ މެޗުން ބަލިވާ ޓީމާއި ދެކޮޅަށް ނުކުންނާނީ ގްރޫޕް ބީގެ ދެވަނަ ޓީމް ކަމުގައިވާ ގޮއިދޫއެވެ. މި މެޗު މިމަހުގެ 15 ވަނަ ދުވަހު ކުޅޭނީ ނަރުދޫ ފުޓްސަލް ދަނޑުގައެވެ.

ޕްލޭއޮފްގެ ފަހު މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ގޮއިދޫ ނުކުންނާނީ ފުރަތަމަ ކުޅުނު ޕްލޭއޮފް މެޗު ކާމިޔާބުކުރި ޓީމާއި ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ފޭދޫ ފުޓްސަލް ދަނޑުގައެވެ.

މި މެޗުތަކަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ސެމީ ފައިނަލުގެ ފަހު ޖާގަ ލިބިގެންދާނެއެވެ.

މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.