ށ. އަތޮޅުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތައް ލާމަރުކަޒީ ގާނޫނަށާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.
''މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން'' ނަމުގައި ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ފެށި މި މަސައްކަތު ބައްދަލުވުމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ.
ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ''ތިލަދުން'' އަށް ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފްގެ އިތުރުން އެއޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝައްމޫންއާދަމް އެވެ.
ކޮންމެ ރަށެއްގެ އަންހެނުން ކޮމިޓީގެ ރައީސާއި ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުން ބައިވެރިވާ މި މަސައްކަތު ބައްދަލުވުމުގެ އެންމެ މުހިންމު އަމާޒަކީ އަންހެނުން މަސައްކަތް ކުރާ ކޮމެޓީތަކާއި، ރަށުކައުންސިލުތަކުގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ލާމަރުކަޒީ ގާނޫނާއި، އެގާނޫނާއި ގުޅޭ ގަވައިދުތަކަށް އަހުލުވެރު ކުރުވުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ށ. އަތޮޅު ކައުންސިލް
''ޚާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ލާމަރުކަޒީ ގާނޫނުން މަތިކޮށްފައިވާ ޒިންމާއަށް ވީހާވެސް ބޮޑަށް އަހުލުވެރި ކުރުވުމަކީ މި ބައްދަލުވުމުގެ އެންމެ މުހިންމު އަމާޒު، އަޅުގަނޑުމެން ބޭނުން ވަނީ މިއަތޮޅު އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީ ތަކަކީ ތަފާތުދައްކާ ހަރަކާތްތެރި ބަޔަކަށް ހެދުން، މި ބައްދަލުވުމުގެ ތެރެއިން އެ ކޮމެޓީތަކުން ހިންގަން ބޭނުންވާ ހަރަކާތްތަކަށް ޕްރޮޕޯސަލް ތައްޔާރު ކުރާނެ ގޮތްވެސް ދަސްކޮދެވޭނެ'' ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އަންހެނުންގެ ކޮމެޓީތަކަކީ ރަށްތަކުގެ ތަރައްޤީއަށް ކައުންސިލްތަކުން ކުރާ މަސައްކަތަށް މުހިންމު ބައިވެރިއެއްކަމަށްވީހިނދު، އެ ކޮމެޓީތަކަށް އަމިއްލައަށް ޕްރޮޕޯސަލް ހަދައި، މަސައްކަތްތައް ހިންގުމުގެ ގާބިލިއްޔަތު ހޯދައިދިނުމަކީ މުހިންމު ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ށ. އަތޮޅު ކައުންސިލް
''އަޅުގަނޑުމެން ބޭރުގެ އެކިފަރާތްތަކަށް ޕްރޮޕޯސަލްތައް ފޮނުވާއިރު އަންހެނުންގެ ކޮމެޓީތަކުން އަމިއްލައަށް ތައްޔާރުކުރާ ޕްރޮޕޯސަލް ލިބިފައި ހުރުމަކީ މުހިންމު ކަމެއްކަމަށް ދެކެން، މި ބައްދަލުވުމުގައި މިއަތޮޅު އަންހެނުންގެ ކޮމެޓީތަކުގެ ދައުރު ފުޅާކުރުމަށް މައުލޫމާތާއި ތަމްރީން ދިނުމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެވޭނެ'' ޝިޔާމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ އެންމެހާ އިންތިޒާމްތަކާއި، ހުރިހާ ޚަރަދެއް ހަމަޖައްސާފައިވަނީ އަތޮޅު ކައުންސިލުންނެވެ. އަދި ބައިވެރިންގެ ދަތުރުތައް ހަމަޖައްސާފައިވަނީ ވޭތުވެދިޔަ މަހު އެ ކައުންސިލުން ފާސްކޮށްފައިވާގޮތައް އާރް.ޓީ.އެލް ފެރީ މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!