މޯލްޑިވްސް އިންޓިގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޔޮޓު ރެލީ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަނަށް އާރުކާޓީން ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުއެވެ. މި ދަތުރުގެ އާރުކާޓީންނަކީ ލޯކަލް ޓުއަ ގައިޑުންނެވެ.
އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، ކުރިއަށް ގެންދާ އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން އިއްޔެއެވެ. މިއަހަރުގެ ޕްރޮގްރާމަކީވެސް 10 ދުވަހުގެ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ތަމްރީން ޕްރޮގްރާމުގެ އަމާޒަކީ، ސަވާދީއްތަ ދަތުރަށް ތައްޔާރުވުމުގެ ގޮތުން، އެ ދަތުރުގައި ޒިޔާރަތްކުރާ ރަށްރަށުގައި އާރުކާޓީން ތަމްރީނުކޮށް، ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، ރަށާއިބެހޭ ފުރިހަމަ މައުލޫމާތު ދިނުމާއި، އަދި އެރަށްރަށުގައި ފަތުރުވެރިން ހޭދަކުރާ ވަގުތުތަކުގައި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޔަކު ތަމްރީނު ކުރުމެވެ.
މިތަމްރީނު ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ކިޔަވައިދެއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
މި ތަމްރީން ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި، ސަވާދީއްތަ ދަތުރު 2023 ގައި ބަނދަރުކުރެވޭ ރަށްރަށުގެ ކައުންސިލްތަކުގެ މަންދޫބުންނާއި، 10 ރަށަކުން ޖުމްލަ 51 ދަރިވަރުންނާއި، އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް އާއި ހަޔަ އެޑިޔުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އާރުކާޓީން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ އެމްއައިޓީޑީސީން އިސްނަގައިގެން، ހަޔަ އެޑިޔުކޭޝަން މިނިސްޓްރީގެ އެއްބާރުލެއްވުމާއެކު ، މޯލްޑިވްސް ޕޮލިޓެކްނިކުން ހިލޭ ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރަށްތަކާއި ރާއްޖޭގެ ފަތުރުވެރިކަމާއި، އާދަކާދަތަކާއި، އަދި ޚާއްސަ ގޮތެއްގައި ސަވާދީއްތަ ދަތުރު 2023 ބަނދަރުކުރެވޭ ރަށްރަށާއިބެހޭ މަޢުލޫމާތު ހިމެނޭ ފަދަ ގޮތަކަށް، ފަތުރުވެރިންނަށް ފުރިހަމަ މަޢުލޫމާތެއް ފޯރުކޮށްދެވޭނެ ފަދަ ޤާބިލް ބަޔަކު ތައްޔާރުކުރަަ ގޮތަށެވެ.
ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ސަގާފަތާއި، ޖަޒީރާ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާ ކުރުމަށް އަދި ގައުމުގެ ގުދުރަތީ ރީތިކަން ފަތުރުވެރިންނަށް ދައްކާލުމާއި، މީހުން ދިރިއުޅޭ ރަށްރަށް އިޝްތިހާރު ކުރެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ދަތުރެކެވެ. އަންނަ އަހަރު މި ދަތުރު ފަށާނީ 1 މާރިޗު ގައި ނ.ލަންދޫންނެވެ. އެއަށްފަހު، ޅ.ހިންނަވަރު، ބ.ގޮއިދޫ، އއ.ތޮއްޑޫ، އއ.ރަސްދޫ، އއ.އުކުޅަސް، އދ.ދަނގެތި، އދ.ދިގުރަށުން ގޮސް ދަތުރު ނިމިގެންދާނީ އދ. މާމިގިލިއާ ހަމައަށެވެ.
މިޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތު ގައި އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ރާއިދު ވިދާޅުވީ މިފަދަ ބައިނަލްއަގުވާމީ ރެލީއަކަށް އާރުކާޓީން ތަމްރީނުކުރަންޖެހޭ ބޭނުމާއި، މިފަދަ ތަމްރީނުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި އެކިއެކި ހަރުފަތްތައް ގިރާކުރަން ބޭނުންވާ ފަރާތްތަކަށް ގިނަގުނަ ފުރުޞަތުތަކެއް ފަހިވެގެން ދާނެތީ ކަމަށެވެ. އަދި، ކޮވިޑް19 އަށްފަހު،'ރިޒިލިއަންޓް ވޯކްފޯސް' އެއް ބިނާކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގައި، މިތަމްރީނު ޕްރޮގްރާމަކީވެސް އެ މަސައްކަތަށް އިތުރުވެގެން ދިޔަ ބޮޅެއްކަމުގައި އޭނާ ވިދާޅުވިއެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސަވާދީއްތަ ދަތުރަކީ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއިން ހިންގާ އެންމެ ތަފާތު އަދި އެންމެ ރާއްޖެއާ ގުޅުންހުރި އިވެންޓުކަމަށެވެ. އަދި، މި ދަތުރުގެ ސަބަބުން، މީހުން ދިރިއުޅޭ ގިނަ ރަށްތަކެއް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރެވި، ތަފާތު އެތައް ބައިވަރު ފުރުސަތުތަކެއް ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި، އާއްމުންނަށް ފަހިގެން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން، ސިލްސިލާ ގޮތެއްގައި ކޮންމެ އަހަރަކު ބާއްވަން ގަސްތުކޮށްފައިވާ ޔޮޓް ރެލީއެކެވެ. މިއަހަރު ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަން ނިންމާލާފައިވަނީ ކާމިޔާބުކަމާއެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!