ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭގޮތަށް ގާނޫނު އިސްލާހުކުރުމަށް ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް ރައްޔިތުންގެ މަޖިލީހުން "ނޫނެކޭ" ބުނެފި އެވެ.
ގަރާޖު ސިޓީ އަކީ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތްކަން އެންގުމަށް ހުށަހަޅަން ޖެހޭ ލިޔުމެކެވެ.
ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅުއްވީ ކުރިން ވެސް މި އިސްލާހު ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި، ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫން ވެސް ތަނެއް ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުނޫން ކަމަށެވެ.
ގާނޫނުގެދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު، ދެފުރޮޅަށްވުރެން ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓްރީ ކުރާގޮތަށް އޮންނާތީ، އެކަމުގެ ސަބަބުން، އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ބޮޑެތި އަދަދުތައް ގަރާޖުފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ބައެއް ގަރާޖުތަކުގެ ވެރިފަރާތުން ނަގަމުންގެންދާތީ އެކަމަށް ހައްލު ގެނައުމަކީ ވެސް މި އިސްލާހު ހުށަހެޅުމުގެ ބޭނުމެއް ކަމަށް މެމްބަރު ނަޝީދުގެ އިސްލާހުގައި ވެއެވެ.
މީގެ އިތުރުން ގަރާޖުގައި އޮންނަ ޖާގައަށްވުރެ ގިނަ އުޅަނދު، ގަރާޖުގައި ރަޖިސްޓްރީކުރުމުގެ އަމަލުތައް ބައެއް ފަރާތްތަކުން ހިންގަމުންގެންދާތީ، އާއި އެކަން ރަނގަޅަށް މޮނީޓަރ ނުކުރެވޭތީ، އެކަމަށް ހުއްޓުމެއް ގެނައުމަކީ ވެސް މި އިސްލާހުގެ ބޭނުމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މިއސިްލާހު ހުށަހެޅުއްވީ އެކަންކަމުގެ ސަބަބުން ވެހިކަލް ރެޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ތަކުލީފަކަށްވެ، އެކަމުން ސަރުކާރުން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލު ނުވެ، އެތަކެއް ދިވެހި ރައްޔިތުން ކަންބޮޑުވާތީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިބިލު ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި، އެ ބިލު މަޖިލީހުން ތަޅުމުން ބޭރުކޮށްލީ، ބިލު ބަލައިނުގަތުމަށް 36 މެންބަރުން ވޯޓު ދެއްވައިގެން ނެވެ. މަޖިލިސް ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީއޭގެ މެންބަރު ކުޑަހުވަދޫ ދާއިރާގެ އަހުމަދު އާމިރު އެކަންޏެވެ.
ބިލު ބަލައިގަތުމަށް 19 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!