ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ އެކެއްގައި ފްރާންސާއި އޮސްޓްރިއާ ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބު ކޮށްފިއެވެ. ފްރާންސްގެ ޕެރިސްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސަށް މިފަހަރުގެ މުބާރާތުގައި ހޯދުނު ފުރަތަމަ މޮޅެވެ.

ރޭގެ މެޗު ފަށައިގެން ފްރާންސުން ވަނީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައެވެ. މިގޮތުން މެޗުގެ ކުރީކޮޅު ފްރާންސްގެ ފޯވަޑް އެމްބާޕޭ ލަނޑެޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީވަނީ އެ ލަނޑު އޮފްސައިޑްކަމަށް ނިންމާފައެވެ. މީގެ އިތުރުން ފުރަތަމަ ހާފުގައި އެ ޓީމްގެ މިޑްފީލްޑަ ޗުއަމެނީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށެވެ.

Ad
rt

މެޗުގައި ފުރާންސުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. ދެވަނަ ލަނޑު 65 ވަނަ މިނެޓުގައި ގްރީޒްމަން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޖިރޫޑެވެ. މި ލަނޑާއިއެކު ޖިރޫޑް ވެގެން ގޮސްފައި ވަނީ ފްރާންސް ޓީމަށް ލަނޑުޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިއާއަށެވެ. ޖިރޫޑް މި ލަނޑުޖެހިއިރު އޭނާގެ އުމުރަކީ 35 އަހަރާއި 357 ދުވަހެވެ. ކުރިން ފްރާންސް ޓީމަށް ލަނޑު ޖަހައިދިން އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިއެއްގެ ގޮތުގައި އޮތީ 1959 ވަނަ އަހަރު ސްޕެއިން ކޮޅަށް ލަނޑުޖެހި ރޮޖާ މާޝޭއެވެ.

ރޭ ޖިރޫޑް ޖެހި ލަނޑާއިއެކު އޭނާ ވަނީ ފްރާންސް ޤައުމީ ޓީމަށް 51 ލަނޑު ކާމިޔާބު ކޮށްދީގެން، ލިސްޓްގެ އެންމެ ކުރީގައި އޮތް ތިއެރީ އޮންރީއާއި ދެ ލަނޑަށް ކައިރި ކޮށްފައެވެ. ފްރާންސް ޓީމަށް ޖިރޫޑް މިހާރު 49 ލަނޑު ޖަހާފައިވާއިރު، އޮންރީގެ ރިކޯޑާއި އަރާ ހަމަކުރަން އޭނާއަށް ބާކީ ބޭނުން ވަނީ ދެ ލަނޑެވެ.

މި ގްރޫޕުގައި ރޭ ކޮރޭޝިއާއާއި ޑެންމާކް ބައްދަލު ކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރުޞަތު ކޮރޭޝިއާއިން ވަނީ ބޮޑު ކޮށްފައެވެ.

މި ގްރޫޕްގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 5 މެޗުން 10 ޕޮއިންޓް ހޯދައިގެން އޮތީ ކޮރޭޝިއާއެވެ. ދެވަނާގައި 5 މެޗުން ލިބުނު 9 ޕޮއިންޓާއިއެކު ޑެންމާކް އޮތްއިރު، ތިންވަނާގައި އޮތީ ފްރާންސެވެ. ފްރާންސަށް ލިބިފައި ވަނީ 5 މެޗުން 5 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތީ 5 މެޗުން ލިބުނު ހަތަރު ޕްއިންޓާއިއެކު އޮސްޓްރިއާއެވެ.

މި ގްރޫޕްގެ ފަހު މެޗުތަކުގައި އާދިއްތަ ދުވަހުގެރޭ ކޮރޭޝިއާ ނުކުންނާނީ އޮސްޓްރިއާއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ސެމީއަށް ދިއުމުގެ ފުރިހަމަ އަމިއްލަ ބާރު ކޮރޭޝިއާއަށް އެބައޮތެވެ. ފަހު މެޗުގައި ޑެންމާކް ނުކުންނާނީ ފްރާންސާއި ދެކޮޅަށެވެ. ކޮރޭޝިއާ ބަލިވެ ޑެންމާކް މޮޅު ވެއްޖެނަމަ ސެމީގެ ޖާގަ ލިބިގެންދާނީ ޑެންމާކަށެވެ.