ށ. މިލަންދޫ ކައުންސިލުން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތުގެ ދަށުން ކުނިނެގުމަށް ރަޖިސްޓަރަރީ ކުރި އެރަށުގެ ކޮންމެ ގޭބިސީއަކަށް ކައުންސިލުން ޑަސްބިން ހަދިޔާކޮށްފިއެވެ.

މިލަންދޫ ކައުންސިލް ރައީސް ޢަބުދުﷲ އާތިފް ''ތިލަދުން'' އަށް ވިދާޅުވީ، އެ ޑަސްބިންތައް ގޭބިސީތަކަށް ހަދިޔާ ކުރުމަށް ކައުންސިލްގެ ބަޖެޓުން 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. މި ހުރިހާ ޑަސްބިންތަކެއް ދީފައި ވަނީ ހިލެއެވެ.

Ad
rt

މިގޮތުން ގޭބިސީތަކަށް ވަނީ 20 ލިޓަރުގެ 500 ޑަސްބިން ހަދިޔާކޮށްފައެވެ. އަދި ރަށުގެ އިޖުތިމާއީ ސަރަޙައްދުތަކުގައި 120 ލިޓަރުގެ 20 ޑަސްބިން ބަހައްޓާފަވެއެވެ.

އާތިފް ވިދާޅުވީ މިފަހަރު ހަދިޔާ ކުރި ޑަސްބިންތަކަކީ ގޭގެއިން އުކާލާ ކުނިވާޒާތު ތަކެތި އަޅަން ހަދިޔާކުރި ޑަސްބިން ތަކެކެވެ. އަންނަ އަހަރު މީގެ ދެވަނަ ބުރެއް ކުރިއަށް ގެންގޮސް ޑަސްބިން ހަދިޔާ ކުރަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

''އާންމުކޮށް ގޭގޭގައި ކުނި މިހުންނަނީ ގޯނި ނޫނީ ފޮށިގަނޑު ކަހަލަ އެއްޗެއްސަށް އަޅާފަ، އެހެންވެ ކައުންސިލުން ނިންމީ ޑަސްބިން ފޯރުކޮށް ދިނުމަށް، ކުރިއަށް އޮތް ތަނުގައި އެހެން ބާވަތުގެ ކުނި އަޅަން ވެސް ޑަސްބިން ހަދިޔާކުރުން ކައުންސިލްގެ ވިސްނުމަކީ'' އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، ރަށުން ކުނި ނައްތާލުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ރަށުގެ ކުނި ކޮށީގައި އެކަށޭނަ އިމާރާތެއް ނެތުމަކީ ދިމާވާ ބޮޑު ދައްޗެއް ކަމަށެވެ. އެހެންވެ އަންނަ އަހަރު ކައުންސިލް ބަޖެޓުން ކުނި ކޮށީގައި އިމާރާތެއް އަޅަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

''މިހާރު މިހިރީ އެއް ފުރާޅަށް ހުންނަތަނެއް، ބައެއް މެޝިނަރީ ވެސް ކުރިން އެބަހުރި ލިބިފައި، އެކަަމަކު އެކަށޭނަ އިމާރާތެއް ނެތުމުން އެތަކެތި ބޭނުން ނުކުރެވޭ، އަނެއްކޮޅުން ވިއްސާރަ ދުވަސްވަރެއްގައި ކުނި އެންދުމަށް ވެސް ދަތިވޭ'' އާތިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކުނި އުކާލާ ސަރަހައްދަކީ ރަށުގެ ފުޓްބޯޅަ ދަނޑާއި، މިސްކިތަކާއި އަދި އަލަށް ގެވަޅުދޭ ސަރަހައްދަކާއި ކައިރީ އޮންނަ ސަރަހައްދެއްކަމުން އަލަށް އެކުލަވާލާ ލޭންޑް ޔޫސް ޕްލޭންގައި އެ ސަރަހައްދު ރަށުގެ އަނެއްފަރާތު މޫދާއި ކައިރިއަށް ބަދަލުކުރައްވަން ހިމަނާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ރަށުގެ ތެރެއަށް ދުމުގެ އަސަރު ކުޑަކޮށް ރައްޔިތުންނަށް އެކަމުން ކޮށްފާނެ ނޭދެވޭ އަސަރެއް ވީހާވެސް ކުޑަކުރަން ކަމަށް ވެސް ވިދާޅުވިއެވެ.

ކުނި އުކާލުމުގެ ޚިދުމަތަކީ އެރަށުގެ ކުރީގެ ކައުންސިލުން ވެސް ދެމުން އައި ޚިދުމަތެކެވެ. އެ ކައުންސިލުން ކުނި ނަގައި އުފުލަން އެއް ޕިކަޕް ބޭނުން ކުރަމުން އައި ނަމަވެސް މިހާރުގެ ކައުންސިލުން ވަނީ އެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް އިތުރު ޕިކަޕެއް ވެސް ހޯދާފައެވެ. އަދި ކުނިކޮށީ ބޭނުން ކުރުމަށް ހައިމާކެއް ވެސް ވަނީ ހޯދާފައެވެ.

މިލަންދޫގެ 367 ގޭބިސީއެއް ކުނި ނަގަން ރަޖިސްޓަރީކޮށްފައިވާއިރު، އެ މަސައްކަތަށް ކައުންސިލުން ވަނީ އެރަށުން 10 މުވައްޒަފުން ވެސް ނަގާފައެވެ. އެރަށުން ކުނި ނެގުމުގެ ފީއެއްގެ ގޮތުގައި ގޭބިސީއަކުން ނަގަނީ މަހަކު 175 ރުފިޔާއެވެ.