މޯލްޑިވިއަން ދިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިންގެ ރިޕޯޓުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރަށްސާރަކޮށްފައިވާ މައްސަލަ ހއ އަތޮޅު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ.
ހއ އަތޮޅު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމްޑީއެން އިން ނެރެފައިވާ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި މާތްވެގެންވާ އިސްލާމްދީނުގެ އަޞްލުތަކާއި، ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުޑައިމީސް ވާގޮތަށް ހިމަނާފައިވާ އެންމެހައި ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން އެ ކައުންސިލުން ކުށްވެރިކުރާކަމަށެވެ. އަދި އެއީ މި ރާއްޖޭގައި ތަކުރާރު ވެގެންވާނެ ކަމެއް ނޫންކަމަށް އެކައުންސިލުން ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
މި ރިޕޯޓުގެ މައްސަލަ މިއަދުގެ ސަރުކާރުގެ ސަމާލުކަމަށް އައުމާއެކު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނާއި މޯލްޑިވިސް ޕޮލިސް ސާރވިސްއިން ތަޙްޤީޤު ކުރައްވަން ފެއްޓެވިކަމީ އެ ކައުންސިލަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ހޯއްދަވައި ތަޙްޤީޤަށް ޙާޟިރުވުމަށް އަންގަވައި، އެ ޖަމްޢިއްޔާ ވަގުތީގޮތުން ސަސްޕެންޑް
ކުރެވިފައިވާކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މި މައްސަލާގައި ފުރިހަމަ ތަޙްޤީޤެއް ހިންގަވައި މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އަދި އަދުލުއިންސާފުން ފިޔަވަޅުއަޅުއްވައި ދެއްވުމަށް ހއ އަތޮޅު ކައުންސިލުން ވަނީ އެދިލައްވާފައެވެ. މީގެ އިތުރުން، އެއްވެސް ފަރާތަކުން މި މައްސަލަ ސިޔާސީކަމަކަށް ހައްދަވައި ސިޔާސީމަންފާއެއް ހޯދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ނުކުރެއްވުމަށް މި ބަޔާނުގައި އިލްތިމާސް ކުރައްވާފައި ވެއެވެ.
މިމައްސަލައާއި ގުޅުވައި ރައްޔިތުންގެ ތެރޭގައި ފިތުނައާއި ދެކޮޅުވެރިކަމަށް ޖާގަދެވޭ އަދި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުލިބޭ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވެގެން ތިއްބެވުމަށް ހއ އަތޮޅު ކައުންސިލްގެ ބަޔާނުގައި އިލްތިމާސް ކުރައްވާފައި ވެއެވެ. އަދި މިވަގުތު ރައްޔިތުން ކެތްތެރިވެ ތިއްބެވުމަށާއި މިމައްސަލައިގެ ފުރިހަމަ ތަޙްޤީގެއް ހިންގެވުމަށް ސަރުކާރަށް ފުރުޞަތު ދެއްވުމަށް ވެސް އެކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ފުލުހުން މިހާރު ވަނީ ތަޙްޤީގު ނިންމައި އެމްޑީއެންގެ ރިޕޯޓުގައި ރަސޫލާ އާއި އިސްލާމް ދީނަށް ފުރަށްސާރަ ކޮށްފައިވާކަން ޖަމިއްޔާތުކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޔޫތު މިނިސްޓްރީއަށް އަންގަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!