ދުނިޔެދުއް އެނެމް މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

އުމުރުން 41 އަހަރުގެ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލަން ނިންމާފައި ވަނީ އަންނަ ހަފްތާގައި ފަށާ ލެވާ ކަޕަށް ފަހުއެވެ.

Ad
rt

ޓެނިސް ކުޅުން ހުއްޓާލާކަން އިޢުލާންކޮށް ފެޑެރާ ބުނެފައި ވަނީ ފަހަކަށް އައިސް ދިމާވަމުންއައި އަނިޔާގެ މައްސަލަތަކުން އަރައިގަތުމަށް ބުރަކޮށް މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެކަމުން އެކަށީގެންވާ ގޮތެއްގައި އަރައިގަނެވިފައިނުވާ ކަމަށެވެ.

އެކަމަށް ހަށިގަނޑު ތަބާނުވުމުން ކުޅުން ހުއްޓާލަންޖެހޭ ވަގުތު ޖެހިއްޖެކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. ފެޑެރާ އިތުރަށް ބުނެފައި ވަނީ ކެރިއަރުގައި ފާއިތުވެގެންދިޔަ 24 އަހަރު ބައެއް ފަހަރު އެއީ 24 ގަޑިއިރު ކަމަށް އިހުސާސްވާ ކަމަށާއި، ނަމަވެސް އެ މުއްދަތަކީ އެތައް އެތައް އިހުސާސްތަކަކާއި ޖާދޫވީ ކަންކަމުން ފުރިފައިވާ ދުވަސްތަކެއް ކަމަށެވެ.

ފާއިތުވި ތިން އަހަރަކީ ފެޑެރާގެ ކެރިއާގައި އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނު ތިން އަހަރެވެ. އެ ތިން އަހަރު އޭނާއަށް ވަނީ އަނިޔާގެ ސަބަބުން ގިނަ މުބާރާތްތަކެއް ގެއްލިފައެވެ. 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް 11 ގްރޭންޑް ސްލޭމް މުބާރާތް ބާއްވާފައިވާއިރު، އޭގެ ތެރެއިން ފެޑެރާއަށް ކުޅެވިފައި ވަނީ އެންމެ ތިން މުބާރާތުގައެވެ.

ފެޑެރާ، ކެރިއަރު ފެށީ 1998 ވަނަ އަހަރު އުމުރުން 16 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފެޑެރާ ހޯދި އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށްޓަކީ 2003 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތެވެ.ދުނިޔޭގެ ރޭންކިންގެ އެއް ވަނައަށް ފެޑެރާ އެންމެ ފުރަތަމަ އެރީ 2004 ވަނަ އަހަރު އެވެ. އޭނާ ވަނީ ރޭންކިން އެއް ވަނައިގައި 310 ހަފްތާ ހޭދަކޮށްފަ އެވެ.

ގްރޭންޑް ސްލޭމް މުބާރާތްތައް އެންމެ ގިނައިން ކާމިޔާބުކުރި ތިން ކުޅުންތެރިންގެ ތެރޭގައި ފެޑެރާ ހިމެނެއެވެ. ފެޑެރާ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ނޮވަކް ޖޮކޮވިޗް ވަނީ 21 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައެވެ. އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް މިހާ ހިސާބަށް ކާމިޔާބު ކޮށްފައި ވަނީ، 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ރަފޭލް ނަޑާލްއެވެ.