ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރު.ޓީ.އެލް.) އިން ބޮޑުތިލަދުންމަތީގެ 41 ރަށް ދަނީ ދުވާލަކު ދެ ދަޅައަށް އެއްވެ ގުޅެމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ޙަޤީޤަތެއް ނެތް، ބިލާހެއް ނޫންކަމުގެ ޔަޤީންކަން އެންމެންނަށްވެސް ލިބިއްޖެ ކަމަށެވެ. އަދި މިއަދުގެ ރަސްމިއްޔާތާއި ހަމައިން ފެނިވަޑައިގަންނަވާ އެންމެބޮޑު އެއް ކާމިޔާބީއަކީ އެއީ ވެސް ކަމަށް ވިދާޅުވިއެވެ.
'' އުތުރުން ދެކުނަށް، މުޅި ރާއްޖެ އޮތް ދިގަށް ބެލިޔަސް، ވަރަށްބޮޑު ތަފާތެއް މިހާރު ފެނޭ. ދިމާ ދޮރުމަތިން ތިމާ ގޭ ހުރި މަގުން، އަމިއްލަ ރަށުން، އަތޮޅުން އަދި މުޅި ރާއްޖެއިންވެސް މިހާރު މި ދެންނެވި ބަދަލު ފެންނާނެ. އަތްލެވޭނެ، ބެލޭނެ.'' ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަކީ، މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެބޮޑު އިދާރީ ބަދަލުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި ހިނގާ ކޮންމެ ސިޔާސަތަކީ، ރައްޔިތުން ވީއްލި، އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ތަރައްޤީ ކަމަށެވެ. އަދި ބޭނުމަކީ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތަކު އިޚްތިޔާރުކުރާ ތަނެއްގައި، އުފާފާގަތިކަމާއި، ޢާއިލާ ބިނާކޮށް ދިރިއުޅެވޭނެ މަގު ފަހިކުރުން ކަމަށް ވިދާޅުވިއެވެ.
އެ ރަށުގައި ނެތް، މި ރަށުގައި ހުރި ކިތަންމެ ފުރުޞަތަކާއި، ޚިދުމަތަކާއި، ވަސީލަތެއް ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަހުރި ކަމަށާއި، މީގެ ކޮންމެ ދެ ރަށެއް ''އާރު.ޓީ.އެލް.ގެ ޒަރީޢާއިން ދުވާލަކު ދެއިރު ބައްދަލުވެ، ލާމެހި، މާރުވާން ފެށުމުން ލިބޭ ނަތީޖާ ތަފާތުވާނެ'' ކަމަށް ވިދާޅުވިއެވެ. އަދި އޭރުން ދިރިދިރި ހިނގަހިނގާ އޮތް އިޤްތިޞާދެއްގެ ތަނަވަސްކަން އެންމެންނަށް ލިބޭކަމަށް ވެސް ވިދާޅުވިއެވެ.
''މި ދަންނަވާ ތަނަވަސްކަމުގެ މިސާލެއް ދަންނަވާނަން. ތަކަން-މާރަންދޫގެ ހިކަނދި ރާނބާ ފަތް، އެންމެންވެސް އަބަދުވެސް ބޭނުންވޭ. ހަމަ އެގޮތަށް، ކެލާ ބާރަށުގެ ފަލަމަޑިއަށް ރަށްތަކުން އިންތިޒާރު ކުރޭ. އަދި މިނޫނަސް އެތައް ރަށެއްގެ އާދަޔާ ޚިލާފު މާދަރީ އުފެއްދުން ހުރޭ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އާރު.ޓީ.އެލް. މެދުވެރިކޮށް މި ތަކެތި ފީނުވެ، ބޮޑު ތިލަދުންމައްޗަށް ރައްދުކުރެވި، އެ ރަށަކަށް އެ ރަށެއްގެ އަގު، އިރުއޮއްސުމުގެ ކުރިން މިހާރު ލިބޭނެ ކަމަށެވެ.
''އާރު.ޓީ.އެލް.ގެ ބާރު ދުވެއްޔާއި، އަރާމު އުޅަނދުފަހަރު ބޮޑު ތިލަދުންމަތި އެއްކޮށް ގުޅައި، އަމުނައި، ގަތައި ބަދަހިކޮށްފި. އަޅުގަނޑު މި ދެންނެވި ގޮތަށް، އެ ސަރަޙައްދުގެ 41 ރަށް އެދަނީ ދުވާލަކު ދެ ދަޅައަށް އެއްވެ ގުޅެމުން. ދޮޅުހާސް، ދެހާސް ރުފިޔާއަށް ކުރިން ކުރި ދަތުރު، ފަސްދޮޅަހަށް، ސަތޭކައަށް ތިރިވެއްޖެ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވަނީ ބޮޑުތިލަދުންމަތީގެ ހއ. ހދ. އަދި ށ. އަތޮޅުގައި ފަށާފައިވާ އާރުޓީއެލްގެ ޚިދުމަތުގެ ތެރެއިން މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ މީހުން ދަތުރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއް، މި ނިޒާމުން ގުޅައިލުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!