ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ދުވަހަކު ވެސް މިނިޒާމާ މިބާރުތަށް ރައްޔިތުންގެ އަތުން އެއްވެސް ބޭފުޅަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލު ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ވެސް މީގެކުރިން ޖެހި ކޮންމެ އިސްކުރެއް މޮހޮރެއް ޖެހީ، މަރުކަޒީކޮށް، މިރަށްތަށް ގުޑި ނުލެވޭވަރު ކުރުމަށް ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިހާރު މިސަރުކާރުން ކިތަންމެ ބޮޑު މަޝްރޫޢެއް ހިންގި ނަމަވެސް، އެއީ އެރަށަކަށްޓަކާ ކުރާކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަރަންޓެއް، މަގެއް، ބަނދަރެއް، ފެނެއް، ނަރުދަމާއެއް، އެއަރޕޯޓެއް ނަމަވެސް ވަކިތަފާތެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

''މިހިންގާ ކޮންމެ ސިޔާސަތަކީ ރައްޔިތުން ވީއްލި، އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ ތަރައްޤީ. ބޭނުމަކީ ކޮންމެ ރައްޔިތަކަށްވެސް އެރައްޔިތަކު އިޚްތިޔާރު ކުރާތަނެއްގާ އުފާފާގަތި ކަމުގާ ޢާއިލާ ބިނާކޮށް ދިރިއުޅެވޭނެ މަގުފަހިކުރުން.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ފިސާރި ދެމެހެއްޓެނިވި ގޮތެއްގައި ކަމަށެވެ. އަދި ދުވަހަކު ވެސް މިނިޒާމާ މިބާރުތަށް ރައްޔިތުންގެ އަތުން އެއްވެސް ބޭފުޅަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކޮށް، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، މި ނިޒާމް ހަރުދަނާކުރުމަށް، ސަރުކާރުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި، ކަމާއިގުޅޭ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ. ގަމުގައި ބާއްވާއިރު، މި ފަހަރުގެ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެއެވެ.