ރ. އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

އެ ކުންފުންޏާ މި ޚިދުމަތްތައް ހަވާލުކޮށްފައިވަނީ އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ގައި ކަރަންޓުގެ ނިޒާމު ފެނަކައާއި ރަސްމީކޮށް ހަވާލުކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. ރ. އުނގޫފާރު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުއެވެ.

Ad
rt

މި ރަސްމިއްޔާތުގައި އުނގޫފާރު އިންޖީނުގޭގެ މުވައްޒަފުން ފެނަކަ ކޯޕަރޭޝަނަށް ބަދަލުކުރުމާއި ގުޅިގެން އެ މުވައްޒަފުންނަށް ލިޔުން ވެސް ވަނީ ހަވާލުކޮށްފައެވެ. ޖުމްލަ 21 މުވައްޒަފުންނަށް މި ލިޔުން ހަވާލުކޮށްދެއްވީ ސައީދު އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ މިއީ ރައްޔިތުންގެ އިންޖީނުތައް ސަރުކާރުގެ ކުންފުނިތަކުގެ ބެލުމުގެ ދަށަށް ދިޔަ އުފާވެރި ދުވަހެއް ކަމަށެވެ. އަދި ރައީސްގެ ހިކުމަތްތެރި ވިސްނުންފުޅާއި އެކު ރަށުގެ ނެޓްވޯކް އަޕްގްރޭޑް ކުރެވި މުވައްޒަފުންނަށް ފަސޭހަ މާހައުލެއް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ހިދުމަތް ފެނަކައާ ހަވާލު ކުރުމާއެކު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ކަރަންޓު ޔަގީން ކުރެވިގެން ދާނެ ކަމަށާއި ދާދި އަވަހަށް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އުނގޫފާރު ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ 07 ޑިސެމްބަރު 1997 ގައި އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ފެށުނީ އެންމެ ހަގަޑިއިރަށް ކަމަށެވެ. އަދި 2001 ވަނަ އަހަރު 24 ގަޑިއިރަށް ބަދަލު ކުރެވުނު ކަމަށާއި ލިބޭ އާމުދަނީ އަށްވުރެ ރައްޔިތުންގެ އިންޖީނުގެ ހިންގުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުންނާއި ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލުގެ ސަބަބުން އިތުރު ގޮތެއް ހޯދަން ކައުންސިލަށް މަޖުބޫރުވި ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިން މިހިދުމަތް މިއަށްވުރެ ފުރިހަމަ ކަމާއިއެކު ދޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.