ށ. އަތޮޅުގެ ރަށްރަށުގެ ސިއްހީ އިދާރާތަކަށް އެ އަތޮޅު ކައުންސިލުން ދެ ލައްކަ ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުން ތަކުގައި ސޮއި ކޮށްފިއެވެ.
ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ސިޔާންޓޭ) ''ތިލަދުން'' އަށް ވިދާޅުވީ، އަތޮޅު ސިއްހީ ޙާލަތު ރަނގަޅު ކުރުމަށް އަތޮޅު ކައުންސިލްގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓުން އެ އަތޮޅުގެ 14 ރަށެއްގެ ސިއްހީ އިދާރާތަކަށް އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި އެހީތެރިކަމަކީ އެ އިދާރާތަކުން ހިންގާ ގައިން ގަޔަށް ނާރާ ބަލިތަކުން ދިފާޢުވުމަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކާއި، އެކި ބަލިތަކުގެ ޚާއްސަ ޑަކްޓަރުން އެރަށްތަކަށް ގެންގޮސް ރައްޔިތުންނަށް ފަރުވާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އަތޮޅު ކައުންސިލްގެ ބައިވެރިވުން ދިނުމަށް ފޯރުކޮށްދިން އެހީތެރިކަމެކެވެ.
މި އެހީ ދެނީ ރަށްތަކުގެ ސިއްހީ އިދާރާތަކުން އެ ކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުންނެވެ. މިގޮތުން އެހީ ދިނުމުގައި 2 ލައްކަ ރުފިޔާގެ 50 އިންސައްތަ ރަށްތަކުގެ މެދުގައި ހަމަޔަށް ބަހާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އަނެއް 50 އިންސައްތަ ބަހާފައި ވަނީ އާބާދީގެ ނިސްބަތަށް ރިޢާޔަތް ކުރުމަށް ފަހުއެވެ.
''މި އެހީތެރިކަމަކީ ސިއްހީ އިދާރާތަކުން ކުރަމުންދާ މަސައްކަތަށް އަޅުގަނޑުމެންގެ ބައިވެރިވުން ދިނުން، އެ ފަރާތްތަކުން އެ ކުރަނީ ރައްޔިތުންގެ ދުޅަހެޔޮކަމަށް މުހިންމު ބުރަ މަސައްކަތްތަކެއް'' ޝިޔާމް ވިދާޅުވިއެވެ.
ށ. އަތޮޅު ކައުންސިލުން އަންނަނީ އެ އަތޮޅުގެ ކަންކަމަށް ގިނަ އެހީތެރިކަމެއް ފޯރުކޮށް ދެމުންނެވެ. މިގޮތުން މިދިޔަ ބޮޑު ޢީދު ފާހަގަ ކުރުމަށް އެ އަތޮޅުގެ ކޮންމެ ރަށަކަށް ފަސް ހާސް ރުފިޔާ ދީފައިވާއިރު، އެ އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވަނީ ކޮމްޕިއުޓަރ ސިސްޓަމް ވެސް ހަދިޔާ ކޮށްފައެވެ.
މީގެ އިތުރުން އަތޮޅުގެ އެންމެ ރަނގަޅު ތިން ޖަމިއްޔާ ހޮވާ ކޮންމެ ޖަމިއްޔާއަކަށް 75 ހާސް ރުފިޔާ ދޭން ނިންމާފައިވާއިރު، އަތޮޅުގައި ހޭންޑް ބޯލް ކޯޗުން ތަމްރީން ކުރުން ފަދަ ޕްރޮގްރާމްތައް ވެސް ވަނީ ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!