ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ބޭސިކް ބީޗް ހޭންޑްބޯލް ރެފްރީސް ކޯސް ކާމިޔާބުކަމާއެކު ނިންމާލައި، ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ކޯހެކެވެ.
މި މަހުގެ 16 އިން 26 ގެ ނިޔަލަށް ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 28 ފަރާތަކުން ބައިވެރިވެ، ކޯސް ވަނީ ފުރިހަމަކޮށްފައެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކޯސް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ބީޗް ހޭންޑްބޯޅައިގެ އޮފިޝަލްކަން ކުރުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމެވެ. އަދި މި ދާއިރާއިން އިތުރު މީހުން ބިނާކުރުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު މަޤްޞަދެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީގައި ބޭއްވި ބީޗް ހޭންޑްބޯލް ރެފްރީސް ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން (ސްޕޯޓްސް މިނިސްޓްރީ)މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ފަރުހަތު ވަނީ ސެޓްފިކެޓް ޙަވާލުކޮށްދެއްވައި، ތަމްރީނު ފުރިހަމަކޮށް ބައިވެރިން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، އެ ފަރާތްތަކަށް މަރުޙަބާ ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!