ހއ. އުލިގަމު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "އުލިގަން ކަޕް 2026" އަންހެނުންގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޓްރިޕަލް އެސް އިން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޓްރިޕަލް އެސް އިން ކަށަވަރުކުރީ ފައިނަލް މެޗުގައި ލިލީއާ ވާދަކޮށް، 3 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗަށްފަހު ވަނަވަނައަށް ދިޔަ ޓީމުތަކަށް އިނާމު ހަވާލުކޮށްފައިވާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމު ކަމަށްވާ ޓްރިޕަލް އެސް އަށް ކައުންސިލުން ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕްކަން ހޯދި ލިލީ ޓީމަށް ދީފައިވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މުޅި މުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކު، މުބާރާތުގެ "ކުއީން އޮފް ދަ ޓޯނަމެންޓް" ގެ ޝަރަފުވެރި މަގާމު ހާސިލުކޮށްފައިވަނީ ޗެމްޕިއަން ޓްރިޕަލް އެސް ޓީމުގެ ރަމްލާ މުހައްމަދެވެ.
އަންހެނުންގެ ވޮލީބޯޅަ މުބާރާތް ނިމިގެން ދިޔައިރު، "އުލިގަން ކަޕް 2026" ގެ ފިރިހެން ޑިވިޜަނަށް ޚާއްސަކޮށްފައިވާ ފުޓްސަލް މުބާރާތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ފުޓްސަލް މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
އުލިގަމު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި މުބާރާތްތަކާ ގުޅިގެން މިހާރު މުޅި ރަށް އޮތީ ކުޅިވަރުގެ ފޯރިގަދަ ރޫޙާއި ޖޯޝުން ފުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!