އިނގިރޭސިލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނުމެޗުން 3-1 ގެ ނަތީޖާއިން ޔުނައިޓޑުން އާސެނަލްގެ މައްޗަށް ކުރިހޯދައިފިއެވެ.
މިއީ މިސީޒަންގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. މީގެ ކުރިން ލީގުގައި ކުޅުނު ފަސްމެޗުންވެސް އާސެނަލް ވަނީ މޮޅުވެފައެވެ.
ރޭ މެޗްގައި އާސެނަލްގެ ފޯވާޑް މާޓިނެލީ ޖެހިގޯލެއް ވީއޭއާރު ބެލުމަށްފަހު ވަނީ ގޯލެއް ނޫންކަމަށް ނިއްމާފައެވެ. އެއީ ގޯލު ޖެހުމުގެ ކުރިން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސަން އަށް ފައުލުކޮށްފައިވާތީ އެވެ.
އަޔަކްސް އިން 94 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައި ޔުނައިޓަޑަށް މިދިޔަ ހަފުތާގައި ބަދަލުވި އެންތަނީ ވަނީ މެޗުގެ 35 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. މި ގޯލު ކާމިޔާބު ކުރީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ގޯލުގެ ދުުރު ކަނަށް އަމާޒުކޮށްލައިގެން ނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން 60 ވަނަ މިނިޓުގައި ބުކާޔޯ ސާކާ ލަނޑެއް ޖަހައި، އާސެނަލް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ ހަ މިނިޓުގައި ފަހުން، ކައުންޓާ އެޓޭކެއްގައި ޔުނައިޓަޑްގެ ފޯވަޑް މާކަސް ރަޝްފޯޑް ވަނީ އެ ޓީމަށް ދެ ވަނަގޯލެއް ކާމިޔާބުކޮށްދީފަ އެވެ.
ކައުންޓާ އެޓޭކެއްގައި މެޗުގެ 75 ވަނަ މިނިޓުގައި ޔުނައިޓަޑްގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ރަޝްފޯޑެވެ.
މި ނަތީޖާއާއި އެކު ޔުނައިޓެޑް ވަނީ ލީގު ތާވަލްގެ ފަސްވަނައަށް ޖެހިލާފައެވެ. އަދިވެސް އާސެނަލް އޮތީ ތާވަލުގެ އެއްވަނައިގައެވެ. މި ދެޓީމަށްވެސް ކުރިތަށް އޮތީ ޔޫރަޕާ ލީގު މެޗެވެ. ޔުނައިޓެޑް އަމިއްލަ ދަނޑުގައި ސްޕެއިންގެ ރިއާލް ސޮސައިޑް އާަ ދެކޮޅަށް ނުކުންނައިރު، އާސެނަލް ރަށުންބޭރުގައި ނުކުންނާނީ ސްވިސްގެ އެފްސީ ޒިއުރިކް އާއި ދެކޮޅަށެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!