އަތްބެލުމާއި، ފާލުބެލުމާއި، ސިޙުރު ހެދުމަށް ފާޅުގައި ހިތްވަރުދީ، އިޝްތިޙާރުކޮށް ފަތުރަމުންދާ މައްސަލަ ބަލައިދިނުމަށް ދި އިސްލާމިކް އެކްސޮސިޒަމް އިން ކަމާބެހޭ މުވައްސަސާތަކަށް ގޮވާލައިފި އެވެ.
އެޖަމިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިފަހަކަށް އައިސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި، އަތްބެލުމާއި، ފާލުބެލުމާއި ސިޙުރު ހެދުމާއި އަދި މި ނޫނަސް މިފަދަ ޝިރުކުގެ ޢަމަލުތައް ބޭނުންކޮށްގެން އެކި ކަހަލަ ބަލިތަކަށް ފަރުވާކުރުމުގެ ނަމުގައި ބަޔަކު ހަރަކާތްތެރިވަމުންދާ ކަމަށް ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފެންނަމުންދާކަމަށެވެ. އަދި މިކަންކަން ކުރުމަށް މީހުންނަށް ހިތްވަރުދީ، އިޝްތިހާރުކޮށް، މީގެން ފައިދާތަކެއް ލިއްބައިދޭކަމަށް ވިސްނަދީ، ޝިރުކުގެ ތެރެއަށް މީހުން ގެންދިއުމަށް މަސައްކަތްކުރަމުންދާކަމީ ވަރަށް ބިރުވެރި އަދި ހިތާމަހުރި ކަމެއްކަމަށެވެ.
ދިވެހިރާއްޖޭގައި ސިޙުރުވެރިންނާއި، އަތްބަލާމީހުންނާއި، ކާހިނުންގެ ނުބައި ޢަމަލުތައް ޒަމާނުއްސުރެ ވަނީ ފެތުރިގެން ގޮސްފައެވެ. މިފަދަ ޝިރުކުގެ އަހުލުވެރިންނަށް ތަބާވެ، މިބައިމީހުންގެ ފަރާތުން ވާގިވެރިކަން ހޯދާ މީހުންގެ އަދަދުވެސް ވަރަށް ގިނަކަމީ ފެންނަން އޮތް ހަޤީގަތެއްކަމަށާއި މި ނުބައި ވަބާގެ ނުރައްކާތެރިކަން، ދިވެހި ރައްޔިތުންނަށް އަންގައިދީ ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތްތައް މަދުކަމަށްވީ ހިނދު، ކުރިން މިދެންނެވިފަދައިން އިޝްތިޙާރުކޮށްގެން ޝިރުކުގެ ޢަމަލުތައް ހިންގުމަށް ބަޔަކު މަސައްކަތްކުރަމުން ދިއުމަކީ، ދިވެހިން ހިތުގައި އޮތް އިސްލާމީ އަޤީދާ ފުނޑުފުނޑު ކޮށްލުމަށް ހިންގޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި އެޖަމިއްޔާއިން ސިފަކޮށްފައިވެއެވެ.
ދިވެހި ރައްޔިތުންނަށް އެޖަމިއްޔާއިން އިލްތިމާސްކޮށްފައިވަނީ، މިފަދަ ޝިރުކުގެ ޢަމަލުތަކާއި، މި ޢަމަލުތަަށް ހިންގާ މީހުން ދެނެގަނެ އެބައިމީހުންގެ ފަރާތުން ރައްކާތެރިވެ ތިބުމަށެވެ. އަދި ރޫޙާނީ، ޖިސްމާނީ އަދި ނަފްސާނީ ބަލިތަކަށް ފަރުވާކުރުމުގައި އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ އެންމެހައި ކަންތައްތަކުން ދުރުވެ، ﷲ ޞުބުޙާނަހޫ ވަތަޢަލާގެ މަދަދާއި ވާތްގަަށްއެދި، އެކަލާނގެއަށް ވަކީލުކޮށް، ދުޢާދަންނަވައި، ބަލިތަކަށް ފަރުވާ ކުރުމުގައި އިސްލާމްދީން ހުއްދަކުރައްވާފައިވާ ސަބަބުތަކުގައި ހިފުމަށެވެ.
"ހަމައެހެންމެ، މިފަދަ ނުބައި ޝިރުކުގެ ޢަމަލުތައް ހުއްޓުވައި، މިކަންކަމާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމަށް ހުރިހައި އެންމެންވެސް ގުޅިގެން މަސައްކަތްކުރުމަށާއި، ޚާއްސަކޮށް ދީނީ ދަޢުވަތުގެ މައިދާނުގައި މަސައްކަތްކުރައްވާ ޢިލްމުވެރިން މިކަމުގައި އިސްދައުރެއް އަދާކޮށްދެއްވުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމެވެ."
އެ ޖަމިއްޔާގެ ނޫސްބަޔާނުގައި ބުނެފައިވެއެެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން މިފަދަ ކަންކަން ހުއްޓުވަން އޮތް މުއައްސަސާތަކުން، ޚާއްސަކޮށް އިސްލާމިކް މިނިސްޓްރީން އިސްނެންގެވުމަކީ ވަރަށް މުޙިއްމުކަމެއްގައި ދެކޭކަމަށާއި މި ނުބައި ޢަމަލުތަށް ހިންގާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތުގައި އޮތް އަދަބުތައް ތަންފީޒު ކޮށްދެއްވުމަކީ މިކަންކަން ހުއްޓުވުމަށް އޮތް ހަމައެކަނި ހައްލުކަމުގައިވެސް ބުނެފައިވެއެވެ.
މި ދަނޑިވަޅުގައި އެ ޖަމިޢްޔާގެ ފަރާތުން މިކަމުގައި ދެކޭގޮތްވެސް އެ ނޫސްބަޔާނުގައި ހިއްސާކޮށްފައިވެއެވެ. އެމަޢުލޫމާތުތައް ތިރީގައި ހިއްސާކޮށްލާނަމެވެ.
ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފާލުބަލާ މީހެއްގެ ގާތަށްގޮސް، އެމީހެއްގެ ގާތުން ކަމެއް އަހައިފި މީހެއްގެ ނަމާދު ސާޅިސް ރޭ ވަންދެން ޤަބޫލުނުކުރެވޭނެއެވެ (1). އަދިވެސް އެެކަލޭގެފާނު ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކާހިނެއް ނުވަތަ ފާލުބަލާ މީހެއްގެ ގާތަށްގޮސް، އެމީހަކު ބުނާއެއްޗެއް ޤަބޫލުކޮށްފި މީހަކު، ފަހެ މުޙައްމަދުގެފާނުގެ މައްޗަށް ބާވާލެއްވުނު އެއްޗަކަށް ކާފިރުވެއްޖެއެވެ".(2) މިހަދީޘްގައިވާ " ބާވާލެއްވުނު އެއްޗަށް " ގެ މުރާދަކީ ކީރިތި ޤުރުއާނާއި ސުންނަތެވެ(3).
ފުރަތަމަ ޙަދީޘްއެކޭ އެއްގޮތަށް ދެވަނަ ޙަދީޘްގައިވެސް ލަފްޒީގޮތުން މާނަކުރެވެނީ ފާލުބަލާމީހާ ކަމަށެވެ. ނަމަވެސް އިރުވަރުބަލާމީހުންވެސް މިކަމުގައި ޝާމިލްކުރެވެއެވެ. މިދެބައިމީހުންވެސް މުސްތަޤްބަލުގައި ވާނޭ ކަންތައްތައް އެނގޭކަމަށް ދައުވާކުރެއެވެ. އާދައިގެ ފާލުބަލާމީހާއެކޭ އެއްގޮތަށް އިރުވަރުބަލާމީހާގެވެސް ދައުވާއަކީވެސް ތައުޙީދާއި ދިމާ އިދިކޮޅު ދައުވާއެކެވެ. އެމީހުން ދައުވާކުރާގޮތުގައި މީހެއްގެ ޝަޚްޞިއްޔަތު ބައްޓަންކުރަނީ ތަރިތަކެވެ. އަދި މުސްތަޤްބަލުގައި ވާނޭކަންތައްތަކާއި އެމީހެއްގެ ޙަޔާތުގައިވާނޭ ކަންތައްތައް ވަނީ ތަރިތަކުގައި ލިޔެވިފައެވެ. އާދައިގެ ފާލުބަލާމީހާ ދައުވާކުރާގޮތުގައި ޖޯޑުގެ އަޑީގައި ސައިފަތްތައް އެތުރޭގޮތުން ނުވަތަ އަތްތިލައިގައި ހުންނަ ރޮނގުތަކުން ހަމަ އެކަންތައްތައް އޭނާއަށް އެނގެއެވެ.
މިދެކަމުގައިވެސް އެކަންކުރާމީހުންނަށް އެދައުވާ ކުރެވެނީ ޚަލްޤުކުރެވިފައިވާ ތަކެތީގެ ބައްޓަމުން އެމީހުންނަށް ކަންކަން ދޭހަވާކަމަށެވެ. ޣައިބުގެ ޢިލްމު އެނގޭކަމަށެވެ. އެހެންކަމުން މުސްލިމުންނަށް ވާޖިބުވެގެންވަނީ މިފަދަ ކަންކަމުން ދުރުހެލިވުމެވެ.(4)
ހަމަ މިބީދައިން، ސިޙުރުވެރިންވެސް ސިޙުރު ހަދަނީ ޝައިޠާނާގެ ވާގިވެރިކަންހޯދާ ކުފުރާއި، ޝިރުކާއި އަދި މުޑުދާރު އެތައް ކަންތައްތަކެއް ކޮށްގެންނެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ.
” … سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ…." (5)
” … ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ…. ”(6)
އެބަހީ؛ ސިޙުރުގެ ޢަމަލުތަކަކީ ކުފުރުގެ ޢަމަލުތަކެކެވެ.
އެހެންކަމުން ސިޙުރުވެރިންނަކީ ދީނުން ބޭރުވެ މުރުތައްދުވެފައިވާ ބައެއްކަމަށާއި އަދި އެބައިމީހުންނަށް އިސްލާމީ ޝަރީޢަތުގައި އޮތް ހައްދަކީ މަރާލުންކަމުގައި އިސްލާމްދީނުގެ ބޮޑެތި ޢިލްމުވެރިން ފަތުވާދެއްވާފައިވެއެވެ. އެހެންކަމުން މިފަދަ ބާޠިލްގެ އަހުލުވެރިން ގާތުން ވާގިއެދޭ މީހާގެ ހާލު ﷲ ގެ ހަޟްރަތުގައި ވާނީ ކޮންފަދައަކުން ކަމާމެދު ބިރުވެތިވެ ވިސްނުންހުއްޓެވެ.
ރެފަރަންސް:
(1) أخرجه مسلم / كتاب: السلام / باب: تحريم الكهانة … / رقم: ٢٢٣٠
(2) أخرجه إمام أحمد في المسند في مسند أبي هريرة رقم:٩٥٣٦ وحسنه شعيب الأرنووط وعادل مرشد في تحقيقهما لمسند أحمد/مجلد: ٢٥ / ص: ٣٣١
(3) فتح المجيد / باب: ما جاء في الكهان ونحوهم / ص: ٣٣٥ / طبعة: دار المؤيد.
)4) އިންޓަނެޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕްކޮށްފައިވާ (ދަ ފަންޑަމެންޓަލްސް އޮފް ތައުޙީދު – ބިލާލް ފިލިޕްސް) އެފޮތުން ނަގާފައި
(5) سورة البقرة 102
(6) سورة البقرة 102
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!