ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "އާދަމް ސަލީމް ކަޕް 2021" ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޝީލްޑުން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލު މެޗުގައި ޝީލްޑާއި އަހުލީ ބައްދަލު ކޮށްފައިވާއިރު، ޝީލްޑުން ފައިނަލް މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން އަހުލީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ އަހުލީންނެވެ. މި ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 27، އަހްމަދު ރަޝީދެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝީލްޑުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 11، އާސިފް ސަލީމެވެ.

މެޗުގެ ދެވަނަ ހާފުގައި ޝީލްޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވާއިރު، މެޗުގައި އެ ޓީމަށް ފުރަތަމަ ލީޑު ހޯދައިދީފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހްމަދު މުޖުތަބާއެވެ. މެޗުގެ 48 ވަނަ މިނެޓުގައި މުޖުތަބާ ވަނީ ލަނޑުޖަހައި ޝީލްޑަށް ލީޑު ހޯދައިދީފައެވެ. އޭގެ ފަސް މިނެޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޝީލްޑަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. ޝީލްޑުން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 7، ހުސެއިން ޝަރީފެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި މެޑަލް ވަނީ ހަވާލުކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޝީލްޑްގެ ޖޯޒީ ނަމަބްރު 7، ހުސެއިން ޝަރީފެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ވެސް ހޮވިފައި ވަނީ ހުސެއިން ޝަރީފެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ރޫހް ޓީމްގެ ޖޯޒީ ނަމްބަރު 20، އަބްދުﷲ މުހައްމަދު ހޮވިފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައި ވަނީ ޝީލްޑްގެ ޖޯޒީ ނަމްބަރު 30، އަބްދުﷲ ޝަފީޢުއެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިއަކީ އަހުލީގެ ޖޯޒީ ނަމްބަރު 23، މުޙައްމަދު ރިޔާޒެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ރިއަލް ސްޓާރސް ހޮވިފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ފޯވާޑް ކުޅުންތެރިޔާއަށާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އަހުލީ ޓީމްގެ ޖޯޒީ ނަމްބަރު 10، ޠާހާ ޚާލިދެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ އަހުލީއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން މުޅިރަށަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވަން ފަށާފައި ވަނީ 2000 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެކާވީސްވަނަ ގަރުނުގެ ފެށުން ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން އެކިކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް އެ ދުވަސްވަރު ހިންގިއިރު، މި މުބާރާތް ވެސް ގުޅިފައިވަނީ އެ ހަރަކާތްތަކާއެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ ވެސް "ސާސްކަފް ކަޕް" ގެ ނަމުގައެވެ.

ސާސްކަފް ކަޕްގެ ނަމުގައި ފެށި ފުޓްބޯޅަ މުބާރާތް އާދަމް ސަލީމް ކަޕްގެ ނަމަށް ބަދަލުކޮށްފައި ވަނީ 2002 ވަނަ އަހަރުއެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެމްބަރު، ހަނިމާދޫ ނީރަންމާގޭ އަލްމަރްހޫމް އާދަމް ސަލީމްއަކީ ހަނިމާދޫގައި އުފެދުނުނު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އާލާސްކަންފުޅާ އުޅުއްވުމަށް ފަހު 2002 ވަނަ އަހަރުގެ ތެރޭގައި އާދަމް ސަލީމް ނިޔާވުމުން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އޭރުގެ ހިންގާ ކޮމެޓީން މި މުބާރާތުގެ ނަން "އާދަމް ސަލީމް ކަޕް" ގެ ނަމަށް ބަދަލުކުރަން ނިންމި ހިސާބުން ފެށިގެން މި މުބާރާތް މިއަދާ ހިސާބަށް ވެސް ބާއްވަމުން އައިސްފައި ވަނީ މި ނަމުގައެވެ.

ނޯޓް: މި މުބާރާތަކީ ފާއިތުވި އަހަރު ނޮވެމްބަރ މަހު 27 ވަނަ ދުވަހު ފެށި މުބާރާތެކެވެ. ހަނިމާދޫގައި ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މުބާރާތުގެ މެދަކާއި ހުސާބުން ވަނީ މެދުކަނޑާލާފައެވެ. މުބާރާތް 07 ޑިސެމްބަރ 2021 ގައި ހުއްޓާލުމަށްފަހު، މުބާރާތުގެ ބާކީއޮތްބައި ފަށާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.