ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާއިދު، ވިޔަ މޮޑިއުލް އަދި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމަށް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

ހއ. އަތޮޅު ދިއްދޫގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފެވެ. މި ރަސްމިއްޔާތުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤާއި، ނައިބު ރައީސް އަޙްމަދު ޞަބާހާއި އަދި ކައުންސިލް މެންބަރުން ވެސް ބައިވެރިވިއެވެ.

މިދިޔަ އޯގަސްޓް 25 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ހއ. އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ހއ. އަތޮޅު ކައުންސިލާއި އަދި އެ އަތޮޅުގެ 14 ރަށުކައުންސިލްގެ ފައިސާއާއި ޕްރޮކިއުމަންޓާގުޅޭ މަސައްކަތް ކުރައްވާ ޖުމްލަ 36 މުވައްޒަފުން ބައިވެރިވިއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންފައި ވަނީ، ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ފިނޭންސާއި އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަންނީ ބޭފުޅުންނެވެ.