•  
  •  
  •  
  •  
  •  
  •  
بسم الله الرحمن الرحيم
ދެފުށް ދެގޮތް ވުމަކީ އެއްޗެއްގެ އެތެރެފުށާއި ބޭރުފުށް ތަފާތުވުމެވެ. އާންމުކޮށް ކޮންމެ އެއްޗެއްގެވެސް ދެފުށް ދެގޮތް ވާނެއެވެ. ނަމަވެސް އިންސާނާގެ އެތެރާއި ބޭރު، ހިތާއި ހަށިގަނޑު އަދި ނިޔަތާއި އަމަލު އެއްގޮތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެއެވެނި މިވެނި މީހަކީ ވަރަށް ދެފުށް ދެގޮތް މީހެކޭ ބުނެވުމަކީ އެމީހާއަށް ލިބޭ ވަރަށް ބަދު ބަހެކެވެ. ހުރިހައި މުޖުތަމައެއްގައިވެސް އެކަން ބެލެވެނީ ނުބައި ކަމެއްގެ ގޮތުގައެވެ.
އިޚްލާޞްތެރިކަމަކީ ހިތުގެ ޢަމަލެވެ. އެއީ ހެޔޮ، ޞާލިހު ޢަމަލުތައްކުރުމާއި ނުބައި ކަންތައްތަކުން ދުރުހެލިވުމުގައި ތިމާގެ އަމަލާއިއެއްގޮތަށް ހިތުނިޔަތް ބޭއްވުމެވެ. ތިބާގެ އެދުންތައް މާތް ﷲ އަށްޚަލާޞްކުރުމެވެ. މީހެއްގެ ޢަމަލު ރަނގަޅުވެފައި ރީތި ނަމަވެސް ހިތުގައި އެއާއި ޚިލާފަށް އޮވެއްޖެ ނަމަ އެއީ އިޚްލާޞްތެރި މީހެއް ނޫނެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ
ހިތުގައިވާ ނިޔަތާއި ގަސްތު ދެނެވޮޑިގެންވާ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. މީހުނަށް ފެންނާނީ މީހާގެ ބަހާއި އަމަލުން ދައްކާ ގޮތެވެ. މާތް ﷲ އަށް އީމާންވުމާއި ހެޔޮ ޢަމަލު ކުރުމަށް އެކަލާނގެ އަމުރު ކުރައްވާފައިވެއެވެ. ނަމަވެސް އިޚްލާޞްތެރިކަމާއި އެކުގައެވެ. އެކަލާނގެ ވަހީބަސްފުޅުގައި ވެއެވެ. {{ وَمَا أُمِرُوا إِلا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَحُنَفَاءَ وَيُقِيمُوا الصَّلاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُالْقَيِّمَةِ }} البينة 5. މާނައަކީ: ” އަދި މާތް ﷲ އަށް ދީން ޚާލިޞްކޮށްގެން ވާ ހާލު، ޝިރުކާއި ދުރުހެލިވެ ތިބެ އެކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ އެބައިމީހުނަށް އަމުރުވެވިގެން ނުވެއެވެ. އަދި ނަމާދު ޤާއިމުކުރުމަށާއި ޒަކާތްދިނުމަށް އަމުރުވެވިގެން ވެއެވެ. ފުރިހަމަވެގެންވާ ދީނަކީ އެއީއެވެ.]
.
މީހަކު އަންހެނަކާއި މޮޔަވެގެން އޭނާއާއި އިނުމުގެ ބޭނުމުގައި އޭނާގެރަށާއި ވަޠަން ދޫކޮށް ހިޖުރަކޮށްފިނަމަ އޭނާއަށް ހާޞިލުވާނީ އެނާއެބޭނުންވި ކަންތަކެވެ. އަނެކަކު ﷲ އަށް ޓަކައި އެނާގެ އަމިއްލަ ރަށުގައި އެކަލާނގެ އަށް އަޅުކަންކޮށް އެކަލާނގެ އެންގެވިގޮތަށް އުޅެވެން ނެތިގެން އޭނާގެ ރަށް ދޫކުރީއެވެ. އޭނާގެ އެ ހިޖުރައަކީ ޝައްކެއް ނެއް ގޮތުގައި ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކުރި ހިޖުރައެކެވެ. އެކަމުގެ ޘަވާބާއި ދަރުމަ ބޮޑުވެފައި އިތުރުވެގެން ވެއެވެ. މިތަނުގައި ދެމީހުންވެސް އެ ކުރީ އެއް ޢަމަލެކެވެ. ތަފާތީ ދެމީހުންގެ ނިޔަތެވެ. ދެމީހުންގެ ހިތުގައިވާ ތަޤުވާއެވެ. އިޚްލާޞްތެރިކަމެވެ. ހެޔޮ ޢަމަލުތަކުގައި އެންމެ ބޮޑު ތަފާތަކީ އެއީއެވެ 
.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޝަރުޢީ މިމަތިވެރި އުޞޫލު ދަސްކޮށްދެއްވަވައި ހަދީޘް ކުރައްވާފައިވެއެވެ. {{ إِنَّمَاالأَعْمَالُ بِالنِّيَّاتِ، وإنَّمَا لِكُلِّ امْرِئٍ مَا نَوَى }} [ހަމަކަށަވަރުން (ހެޔޮ) އަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ލިބޭހުށީ އެމީހަކު (އެ ޢަމަލެއް ކުރި އިރު އޭނާ) ގަސްތުކުރި އެއްޗެކެވެ.] 

ވީމައި އިޚްލާޞްތެރިކަމަކީ ؛ ޘަވާބާއި ދަރުމަ އެދިގެން ކުރެވޭ ކޮންމެޢަމަލެއްގައި ﷲ މެނުވީ އެހެން ފަރާތްތަކާއި ދުނިޔެވީ އެދުންތަކާއިބޭނުންތަކުން ދުރުހެލިވެ، ހަމައެކަނި އާޚިރަތުގެ ޘަވާބާއި ދަރުމައަށް އެދިގެން، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމަށް އެދިގެން އެކަމެއް އަދާ ކުރުމެވެ. މާތް ﷲ އަށް އިޚްލާޞްތެރިވުމަކީ ތިބާގެ ހިތުގައި އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ޖާގަ ނުދިނުމެވެ. 

އިންސާނާ ކަމެއް ޤަބޫލުކުރުމާއި ނުކުރުމުން އޭގެ ފައިދާ ނުވަތަ ގެއްލުން ލިބެނީ އޭނާގެ ވެރި ރަސްކަލާނގެއަކަށް ނޫނެވެ. އަދިކިޔެއްތަ! އޭގެ ގެއްލުމާއި ފައިދާ ހުރީ އެމީހަކަށެވެ. އެމީހެއްގެ ޛާތަށެވެ. އޭނާ ދިރިއުޅޭ މުޖުތަމާއަށެވެ. މާތް ﷲ އަކަށް އެކަމުން ލާބައެއް އޮތީއެއް ނޫނެވެ. އެކަލާނގެ ވަޙީބަސްފުޅުގައި ވެއެވެ. {{ لَنْ يَنَالَ اللَّهَ لُحُومُهَا وَلا دِمَاؤُهَا وَلَكِنْ يَنَالُهُ التَّقْوَىمِنْكُمْ كَذَلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْوَبَشِّرِ الْمُحْسِنِينَ }} الحج 37. މާނައަކީ: ” (ﷲގެ އަމުރުފުޅަށް ކަތިލެވޭ ތަކެތި، ހަދްޔާއި އުޟްޙިޔާ އާއި ޢަޤީޤާ ފަދަ) ކަތިލުންތަކުގެ ލެއާއި އެތަކެތީގެ މަސް ﷲ ގެ ޙަޟުރަތަކަށް ނުދެއެވެ. (އޭގެ ބޭނުމެއް މާތް ﷲ އަކަށް ނުވެއެވެ.) އެކަމަކު އެކަލާނގެ ޙަޟުރަތަށް ދާ އެއްޗަކީ ތިޔަބައިމީހުންގެ ކިބައިގައިވާ ތަޤުވާއެވެ.] އެއްޗެއް ކަތިލެވޭ ހިނދު އެކަތިލާ މީހާގެ ހިތުގައިވާ އިޚްލާޞްތެރިކަމެވެ 
.
ހިތް ސާފުކޮށް ތިބާގެ ބަހާއި ޢަމަލު ސީދާ ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް މިފަދަ ދުނިޔަވީ އެދުންތައް ބޮޑުވެފައި ގިނަ ޒަމާނެއްގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ތިމާގެ ނަފްސަށް ބަލައިލުން މުހިންމެވެ. ތިބާގެ ހިތު ނިޔަތް ޚާލިޞްތޯ ނޫންތޯއެވެ. މީހުންގެ ފަރާތުން ތަޢުރީފެއް ނުވަތަ ފައިސާ ފޮށްޗެއް ނުވަތަ މަޤާމެއް ނުވަތަ ބައިފުށަށް ހިފުމެއް ނުވަތަ ޙަސަދަވެރިކަމެއް ތިބާގެ ހިތަށް ވަދެ ދާނެތީއެވެ. އެއީ ވަރަށް ގާތުގައި ވާ ކަމެކެވެ. ނަފްސުގައިވާ ނުބައި އެދުންތަކާއި ޝައިޠާނުންގެ ވަސްވާސްތަކުގެ ސަބަބުންނެވެ 
.
މާތް ﷲ އަށްޓަކައި ތިބާގެ ހިތް ޚަލާޞްކޮށް ބެހެއްޓުމަށްޓަކައި އަބަދާއި އަބަދު ތިބާގެ ހިތާއި މެދުގައި ފާރަވެރިވެ ތިބެން ޖެހޭނެއެވެ. އިޚްލާޞްތެރިކަމަށް އެދި ދުޢާ ކުރުމާއި ﷲ ގެ ހަޟުރަތުގައިވާ ޘަވާބުގެ ބޮޑުކަމާއި ދުނިޔޭގެ އުނިކަން ހަނދާންކޮށް، މާތް ﷲ ގެ އާޔަތްތަކާއި ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަށް ކިޔައި ބަލަންވާނެއެވެ. ތިބާގެ ހިތުގައި ﷲ މެނުވީ އެހެން ފަރާތެއް ގަސްތުކޮށްފި ނަމަ، މީހުންގެ ރުހުމާއި ސަޕޯރޓް އެދިގެން ކިތަންމެ ރަނގަޅު އަމަލެއް ކުރި ނަމަވެސް އެއީ ވަޔަށް ބުރައިގެންދާހިރަފުސް ފަދަ ބުރަދަނެއް ނެތް، ބާޠިލު އެއްޗެކެވެ 
.
ސަލަފުންގެ ބައެއް ބޭފުޅުން ވިދާޅުވާކަމުގައި ވެއެވެ. [މީހުނަށްފެނިދާނެތީ ހެޔޮ ޢަމަލު ނުކޮށް ދޫކޮށްލުމަކީ ދެއްކުން ތެރި ކަމެކެވެ. އަދި މީހުނަށް ދެއްކުމަށްޓަކައި ހެޔޮ ޢަމަލު ކުރުމަކީ ޝަރީކު ކުރުމެވެ.]
وصلى الله وسلم على نبينا محمد وعلى آله وصحبه وسلم
މަޞްދަރު: adamshameem.com

ޚިޔާލު

Your email address will not be published.

More in ރިޕޯޓް