އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ސިޓީ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑު ނެގީ ސިޓީއިންނެވެ. ޑިބްރޭއިނާގެ އެހީތެރިކަމާއެކު މިގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 50 ވަނަ މިނެޓް ގައި އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ލީގުގެ ކުޅުނު 6 މެޗުން ހާލަންޑް ޖެހި 10 ވަނަ ގޯލެވެ.
މެޗުގެ 74 ވަނަ މިނިޓުގައި އެސްޓަން ވިލާގެ ޖެމެއިކާ ފޯވަޑް ލެއޮން ބެއިލީ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ގޯލު ޖަހާފައި ވަނީ ޖޭކަބް ރަމްސީގެ އެހީތެރިކަމާއެކުގައެވެ.
މިއީ 2015 ވަނަ އަހަރު ނޮވެމްބަރު މަހު 8 ވަނަ ދުވަހުގެ ފަހުން ސިޓީއަށް އެސްޓަންވިލާ އަތުން މޮޅު ނުވެވުނު ފުރަތަމަ ފަހަރެވެ. އެފަހަރުގެ މެޗުވެސް ނިމުނީ ދެ ޓީމު އެއްވަރު ވެގެންނެވެ.
މި މެޗު އެއްވަރުވުމުން 4 ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު އާސެނަލް އަށް އެބައޮތެވެ. މިރޭ ރާއްޖެ ގަޑިން 8:30 ގައި އާސެނަލް ޔުނައިޓެޑާއި ދެކޮޅަށް ނުކުންނާނެއެވެ.
އިނގިރޭސިލީގުގައި ހޮނިހިރު ދުވަހު ކުޅުނު އެހެންމެޗްތަކަށްބަލާއިރު ލުވަޕޫލް ކުޅުނު މެޗްވެސް ނިމުނީ އެއްވަރު ވެގެންނެވެ. އެވަޓަން އާއި ބައްދަލުކުރި މި މެޗް ނިމުނީ އެއްވެސްޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ދެ ޓީމް އެއްވަރު ވެގެންނެވެ.
ބްރެންޓްފޯޑް 5-2 ގެ ނަތީޖާއިން ލީޑްސް ޔުނައިޓެޑް ބަލިކުރިއިރު، ޗެލްސީ ވަނީ 2-1 ގެނަތީޖާއިން ވެސްޓްހަމް ބަލިކޮށްފައެވެ.
ނިއުކާސަލް އަދި ކްރިސްޓަލްޕެލަސް މެޗު ލަނޑެއްނުޖެހި ދެޓީމް އެއްވަރުވެގެން ނިމުނުއިރު، 3-2 ގެ ނަތީޖާއިން ބޯންމައުތުވަނީ ނޮޓިންހަމް ބަލި ކޮށްފައެވެ. ވޮލްސްއިން ސައުތެމްޓަންބަލިކުރީ 1-0 ގެ ނަތީޖާއިންނެވެ. ފުލަމް ކައިރިން ޓޮޓެންކަމް މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!