ކުޅުދުއްފުށި ސިޓީގައި ހުންނަ ތިން ސްކޫލްތަކަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދޭ "ޕީ.ޓީ.އޭ ގްރާންޓް" އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި "ޕީ.ޓީ.އޭ ގްރާންޓް" ސްކީމް ދަށުން މި އެހީތެރިކަން ފޯރުކޮށް ދެނީ އެކަމަށް ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅި ސްކޫލްތަކަށެވެ.

Ad
rt

މިގޮތުން މި ގްރާންޓް ސްކީމްގެ ދަށުން އެހީތެރިކަން ހޯދުމަށް އެ ސިޓީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލް ކަމަށްވާ، ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަދި އަފީފުއްދީން ސްކޫލުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ.

''މި ގްރާންޓް ސްކީމްގެ ދަށުން ސުކޫލްތަކުން ހުށައެޅި ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި'' ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި، މި ގްރާންޓް ސްކީމްގެ މަގްސަދަކީ އެ ސިޓީގެ ސްކޫލްތަކުގެ ޕީ.ޓީ.އޭ ތަކުން ސުކޫލްތައް ކުރިއަރުވަންކުރާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން ސްކޫލު ކުރިއެރުވުމުގައި ޕީ.ޓީ.އޭ ގެ ދައުރު ފުޅާ ކުރުމުގެ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީގެ ތަޢުލީމީ ހާލަތު ރަނގަޅުކުރުމަކީ ވެސް މި ގްރާންޓް ސްކީމްގެ މަގްސަދެކެވެ.