ފެނަކައަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ މުލަކު އަތޮޅު ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކަ ފުޅުގައެވެ.

Ad
rt

މިއަދު މެންދުރުކުރި ވޭވަށުގެ އާ އިންޖީނުގެ ސަރަޙައްދުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ އެންމެބޮޑު އެއް ބައިވެރިޔަކީ ފެނަކަ ކޯޕަރޭޝަން ކަމަށެވެ.

ޚާއްޞަކޮށް، ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ. ސަޢީދާއި، ހީވާގި މުރާލި މުވައްޒަފުން އެ ކުރައްވާ މަސައްކަތަކީ، ރާއްޖެއަށް ސަރުކާރުން ގެންނަން ބޭނުންވާ ޖަޒީރާ ތަރައްޤީގެ ހަމަ އެންމެ ބޮޑު ބައިވެރިން ކަމަށް ރައީސް ވިދާޅުވިއެވެ.

''ކަމެއް ކުރަން ބޭނުންވީމާ، އެކަމެއް ކުރެވޭނެ. މާބޮޑު ބަހަނާތަކެއް ދައްކައި، އޭގެ ފައިސާ ނެތޭ، މުވައްޒަފުން ނެތޭ، މިތައް މިތައް އުނދަގޫތައް އެބަހުއްޓޭ، އެ ދައްކަނީކީ މާހަމަޖެހޭ، ދެކޮޅުޖެހޭ ވާހަކައެއް ނޫން. އެކަން ތިޔަބޭފުޅުންނަށް ފެނަކައާއި އެމް.ޓީ.ސީ.ސީ. އިން އެދަނީ ހާމަކޮށްދެމުން.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޭނުންފުޅުވަނީ އަމާޒަކާ އެކީގައި ރަނގަޅު ވިސްނުމަކާ އެކީގައި ކުރިއަށްދިޔުން ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ޖަޒީރާ ތަރައްޤީގެ ވަޢުދުތައް ފުރިހަމަކޮށްދިނުމުގައި، އެ ދެ ކުންފުންޏާ އެކީގައި ކުރާ ދަތުރުގައި ރައްޔިތުން ތިޔަ ބޭނުންވާ މަންޒިލަށް ދެވޭނެކަމުގެ ޔަޤީންކަން މިއަދު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

''ފެނަކައަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް. ކުރިން ފެނަކައާ ދޭތެރޭގައި ރައްޔިތުން އެ ދެކެމުން އައި ވިސްނުން މިއަދު ބަދަލުވެއްޖެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް އޭރު ކުރިން ދެމުންއައީ، އެ ރަށެއްގެ ރަށް ކުރިއަރުވާ ކޮމިޓީ، ނޫނީވިއްޔާ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އަމިއްލަ މަސައްކަތުން. އެހެން ނަމަވެސް، މިއަދު ފެނަކައިގެ ޚިދުމަތް ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމިއްލައަށް ހިންގަމުންދާ އިންޖީނުގެތަކާއި، ކައުންސިލްތަކުން ހިންގަމުންދާ އިންޖީނުގެތައް އެދަނީ ހިތުން ރުހުމުން ހަވާލުކުރަމުން.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދު ހަމައެކަނި ކައުންސިލަކުން ހިންގާ ރާއްޖޭގައި ހުރީ އެންމެ އިންޖީނުގެއެއް ކަމަށެވެ. އެއީ، އުނގޫފާރުގައި ހިންގާ އިންޖީނުގެ އެކަނިކަން ފާހަގަ ކުރަށްވަމުން އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި، އުނގޫފާރު އިންޖީނުގެ ފެނަކައާ ހަވާލުކުރަން ތައްޔާރުވަމުން އަންނަކަމަށް ޤަބޫލުކުރެއްވޭ ކަމަށެވެ.

''ސްޓެލްކޯއިން މާލެއަތޮޅާއި، ވ. އަތޮޅާއި، އ. އަތޮޅުގައި ހިންގާ އިންޖީނުގެތައް ފިޔަވައި މުޅި ރާއްޖޭގެ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް ދެމުންގެންދާނީ ފެނަކަ ކޯޕަރޭޝަނުން. ވަރަށް ބޮޑު އިތުބާރެއް އެ އުފެއްދެވީ. އެއާއެކީގައި، އަޅުގަނޑުމެންގެ ވިސްނުމަކީ، ފެނަކައިގެ ޚިދުމަތް، އިންޖީނުގެތަކުން ރަށްރަށުގެ ރައްޔިތުންނަށް ދެމުންދާއިރުގައި، އޭގެ އިތުރުން އިތުރު ޚިދުމަތްތައް ފެނަކަ މެދުވެރިކޮށް ރަށްރަށަށް ދިނުމަށް.'' ރައީސް ވިދާޅުވިއެވެ.

އެގޮތުން، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އައިސް ޕްލާންޓްތައް ހިންގުން މިއަދު ފެނަކައާ ހަވާލުކުރަމުން ގެންދަވާ ކަމަށާއި، ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި، ހުރިހާ އައިސް ޕްލާންޓްތަކެއް ހިންގުން ފެނަކައާ ހަވާލުކުރުމުން، އެ ޚިދުމަތް މިހާރު މެދުކެނޑިފައި ހުރި ރަށްރަށަށް ވެސް ފަސޭހައިން ޚިދުމަތް ލިބޭގޮތަށް އެކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރަށްރަށުގެ ކަރަންޓުގެ ދަތިކަމަކީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރުގައި، ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެފައި އޮތް ދަތިކަމެއް ކަމަށެވެ. އަދި ފެނަކައިން މިހާތަނަށް 141 ރަށަކަށް އާ އިންޖީނު ފޯރުކޮށްދީފައިވާ ކަމަށާއި، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް މިއަދު މިވަނީ ފެނަކައިން ބަދަލުކޮށްލަދީފައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.