ނޮޅިވަރަންފަރުގައި ގެގެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއަކުން ލީކުވެ، އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމައިންގެ ހާލު ރަނގަޅުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ.
ކޭއާރުއެޗްގެ މީޑިއާ އޮފިސަރު މުޙައްމަދު މޫސާ ''ތިލަދުން'' އަށް މިއަދު ވިދާޅުވީ، އެ ދެމައިން ފަރުވާއަށް އިއްޔެ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެނދުނު 9:42 ހާއިރު ކަމަށެވެ.
އިއްޔެ މެންދުރުން ފެށިގެން ދެ މައިންގެ ހާލުވެސް ރަނގަޅު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
''އިއްޔެ މެންދުރުން ފެށިގެން ދެމައިން ހާލު ސްޓޭބަލްވާން ވަނީ ފަށާފައި، ދެ މައިންގެ ހާލުވެސް މިހާރު ސްޓޭބަލް، ދެތިން ދުވަހެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލެވޭ ވަރުވާނެކަމަށް ލަފާކުރެވޭ،'' މުޙައްމަދު މޫސާ ވިދާޅުވިއެވެ.
އޭނާ މައުލޫމާތު ދެއްވިގޮތުގައި އަނިޔާވި އަންހެން މީހާ (މަންމަ)ގެ ހަށިގަނޑުން ފަންސާސް އިއްސައްތަ ވަނީ ފިހިފައެވެ. ކުޑަކުއްޖާ (ދަރިފުޅު)ގެ ހަށިގަނޑުން ފިހިފައިވަނީ ނުވަ އިންސައްތަ ކަމަށް ވިދާޅުވިއެވެ.
ނޮޅިވަރަންފަރުގައި އިއްޔެ ހިނގި މި ހާދިސާގައި އުމުރުން 32 އަހަރުގެ މަންމައާއި، 2 އަހަރުގެ ދަރިފުޅަށް އަނިޔާވީ އިއްޔެ ހެނދުނު 7:00 ޖަހާކަށް ހާއިރުއެވެ.
އެ ހާދިސާއާއި ގުޅިގެން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް އިއްޔެ ''ތިލަދުން'' އަށް ވިދާޅުވެފައި ވަނީ، ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުރިކަން ނޭނގި އުނދުން ރޯކުރެވިގެން ކަމަށް ބެލޭވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!