މުލަކު އަތޮޅު މަޑުއްވަރީގެ ބަނދަރު ހަދާނީ މަޑުއްވަރީގެ ރައްޔިތުން ބޭނުންވާގޮތަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިއަދު ވަނީ މުލަކު އަތޮޅު ފަސް ރަށަކަށް ކުރަށްވާ ދަތުރުފުޅެއް ފައްޓަވާފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން މިއަދު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މިއަދު އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވިކަން ފާހަގަ ކުރަށްވާފައެވެ. އަދި ކައުންސިލުންވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި، ބަނދަރުގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މިއަދު މެންދުރުފަހު މަޑުއްވަރީ ބަނދަރު ސަރަޙައްދުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާ ކަމަށާއި، ބަނދަރުގެ ކޮންސެޕްޓް ފައިނަލްވީހާ އަވަހަކަށް އަމަލީ މަސައްކަތްފެށިގެންދާނެ ކަމަށެވެ.
ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް ނުފެށި އޮތީ އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޑިޒައިނާއި މެދު ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އޮތުމުގެ ސަބަބުންނެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ބަނދަރު ހެދުމަށް ޕްލޭނިންގ މިނިސްޓްރީން ހަދާފައިވާ ޑިޒައިނާއި ގުޅޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީގެ ޓީމެއް ވަޑައިގެން ރައްޔިތުންނާއި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ބަނދަރު ހަދާނީ ރައްޔިތުންނާއި މަޝްވަރާކުރެވި ރައްޔިތުން ނިންމާގޮތެއްގެ މަތީންކަމުގެ ޔަޤީންކަން ރައީސް ވަނީ މަޑުއްވަރީގެ ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް ޞާލިޙް މުލަކަތޮޅަށް ކުރަައްވާ ދަތުރުފުޅުގައި މަޑުއްވަރީއަށް ފަހު ދެން ވަޑައިވަތީ ދިއްގަރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!