ހދ. ނޮޅިވަރަމުން ދޫކުރި 75 ބަންޑާރަގޯތި ދޫކުރުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް އަލުން އެކުލަވާލުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އެރަށުން އެންމެ ފަހުން ދޫކޮށްފައިވާ ގޯތިތައް ދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ނޮޅިވަރަމް ކައުންސިލާ ދެކޮޅަށް އެރަށު ކޯޓަށް ތިން ފަރާތަކުން ހުށަހެޅި މައްސަލަތަކާއި ގުޅިގެން މިއަދު އިއްވި ހުކުމުގައެވެ.
އަދި އެ ހުކުމުގައި މިހާރު ބަންޑާރަ ގޯތި ލިބިފައިވަ 75 މީހުން ގެ ތެރޭގައި ވެސް ކައުންސިލުން އެކުލަވާލި އުޞޫލާއި އަދި ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ ޤަވާޢިދާއި ޚިލާފަށް ގޯތި ދިނުމުގައި ޢަމަލު ކޮށްފައިވާ މީހުން ތިބި ކަމަށް ފެންނަތީ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 75 ގޯތި ލިބޭ ފަރާތްތައް އަލުން ކަނޑައަޅައި އެފަރާތްތަކުގެ މެދުގައި ގުރުއަތު ލުމަށްފަހު އަލުން ސްލޮޓްތައް ކަނޑައަޅައި އެގޯތިތަކުގެ ޙައްޤު ވެރިންނަށް ގޯތިތައް ދިނުމަށް ހދ. ނޮޅިވަރަމު ކައުންސިލަށް ވަނީ އަންގާފައެވެ.
ނޮޅިވަރަމު ކޯޓުން މިގޮތަށް ހުކުމް ކޮއްފައި މިވަނީ ގެވަޅު ލިބުނު ފަރާތްތަކަށް ގެވަޅު ލިބުނު ސަރަހައްދާ ބްލޮކުގެ މައުލޫމާތު ކައުންސިލުން ހިއްސާކޮށްފައި ވަނިކޮށެވެ. ނޮޅިވަރަމުން 8 އަހަރު ފަހުން 75 ގޯތި ދޫކޮށްފައިވަނީ މި އޮކްޓޯބަރުމަހު އެވެ. އެންމެ ފަހުން އެރަށުން ގެވަޅު ދޫކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!