ޤައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ، ޢިލްމީ ދިރާސާތައް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ، "ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2022" އިފްތިތާޙްކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ މި އޯގަސްޓް 22 އިން 23 އަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ޝިޢާރަކީ، ''ޤައުމު ބިނާކުރުމަށް ދިރާސާކުރުން'' އެވެ.

މި ކޮންފަރެންސް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ، ދިރާސާއަކީ ނިންމުންތައް ނިންމުމުގައި އެހީވެދޭ ކަމެއް ކަމަށާއި އަދި އާބާދީއަށް ދިމާވާ މައްސަލަތައް ދެނެގަނެވޭ ކަމެއްކަމަށެވެ. އަދި ފަޤީރުކަމާއި، ވަޒީފާ ނެތުމާއި، ހަމަހަމަކަން ނެތުންފަދަ ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ދިރާސާތަކަކީ އެހީއެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިޤުތިޞާދު ހަރުދަނާވެ ސިނާޢަތްތައް ކުރި އެރުމާއި، މުޖުތަމަޢު ބިނާކުރުމަށްވެސް ދިރާސާތަކުގެ ސަބަބުން އެހީތެރިކަން ލިބިގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވި، ދިރާސާ އަކާއި ނުލައި ތަރައްޤީއަށް ކުރެވޭ މަސައްކަތަކުން ނަތީޖާ ނުނެރެވުން ގާތްކަމަށެވެ. އަދި ޤައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ ވެސް، ޢިލްމީ ދިރާސާތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޒަމާނީ އައުހޯދުންތަކާއި އީޖާދުތަކަށް މުޖުތަމަޢު ވާޞިލްކޮށްދެނީ ދިރާސާތަކުން ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ފެށުނު ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ބަދަލުކުރެވޭ ތަޖުރިބާތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީ އަށާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އީޖާދީ ހައްލުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވެސް ނައިބު ރައީސް ފައިޞަލް ވަނީ ވިދާޅުވެފައެވެ.