މާލެ އާއި އަތޮޅުތަކުގެ ރައްޔިތުން ތަފާތު ކުރުން ހުއްޓުމަކަށް ގެންނަންޖެހޭ: އަނާރާ

Dr. Anara

ޒަމާނުއްސުރެ އޮތް މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންގެ ތަފާތުކުރުމުގެ ސަގާފަތް ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ.

ކުރީގެ މަކުނުދޫ ދާއިރާގެ މެންބަރު އަދި ބާ ކައުންސިލްގެ ނިމުނު ދައުރުގެ އެގްޒެކް ކޮމެޓީގެ މެންބަރުކަން ވެސް ކުރެއްވި އަނާރާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވި ކަމަށް، ''ރަށްރަށު މީހުންނަށް ލިބޭނީ ފްލެޓް، ގޯތި ލިބޭނީ މާލެ މީހުންށަށް އެކަނި'' މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކަށް އިޝާރާތް ކުރަށްވަމުން އަނާރާ ވިދާޅުވީ، ޒަމާނުއްސުރެ އޮތް މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންގެ ތަފާތުކުރުމުގެ ސަގާފަތް ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށެވެ.

ވަކި ބަޔަކަށް ބިމުގެ މުއްސަނދިކަން ޚާއްޞަކޮށް ދިނުމަކީ އަނެއް ބަޔަކަށް ވެވޭ ބޭއިންސާފެއް ކަމަށް ވެސް އަނާރާ ވިދާޅުވިއެވެ.

''ބިން ހިއްކަނީ އެންމެ ރައްޔިތުންގެ ފައިސާއިން، އެންމެންނަކީ ދިވެހި ރައްޔިތުން'' އަނާރާ ވިދާޅުވެފަވެއެވެ.

ހުޅުމާލެއާއި ގުޅީފަޅުން ގޯތި ދޫކުރަން ސަރުކާރުން ޢިއުލާންކޮށްފައިވާއިރު، އެ ގޯތި ތަކަށް ކުރިމަތި ލުމުގެ ޝަރުތުތައް އޮތް ގޮތުން އެތައް ދުވަހެއް ވަންދެން މާލޭގައި ވަޒަންވެރިވެ އުޅެމުން އަންނަ އަތޮޅުތަކުގެ މީހުންނަށާއި، އެތައް ޒަމާނުއްސުރެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ އަތޮޅުތަކުގެ މީހުންނަށް އެ ގޯތި ތަކަށް ކުރިމަތި ނުލެވޭ ގޮތަށް އޮތުމުން އެކަމާއި އިދިކޮޅަށް ބައެއް ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ. އެ ޝަރުތުތަކުގެ ތެރޭގައި ''މާލޭ ރައްޔިތެއް'' ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެއްވެސް ތަނެއްގައި ރަޖިސްޓަރީގައި ޖެހިފައިނުވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައި އޮތުމަކީ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށްވުމާބެހޭ ޤާނޫނާއި ޚިލާފް ކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިކަމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނަމުން ދަނީ އެންމެންނަށް ވެސް ތަފާތުކުރުމެއްނެތި ގޯއްޗަށް ކުރިމަތިލުމުގެ ޙައްޤު އޮންނަންވާނެ ކަމަށެވެ. އެއްބަޔަކު 20،30 އަހަރު ވަންދެން 4،5 މިލިއަން ރުފިޔާ ދައްކައިގެން ފްލެޓް ގަންނަން މަޖުބޫރުކުރުވާފައި، ވަކި ޚާއްޞަބަޔަކަށް 40،30 މިލިއަން ރުފިޔާގެ އަގުހުރި ގޯތި ހިލޭ ދެވިގެން ނުވާނެކަމަށް އެ ފަރާތްތަކުން ބުނެއެވެ. އަދި އަތޮޅުތަކުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަމުންދާ ކަމަށް ބުނެ އެކަމާ ދެކޮޅު ޕެޓިޝަނެއް ވެސް ދަނީ ހިންގަމުންނެވެ.

މިކަމާއި ދެކޮޅަށް މީސް މީޑިއާގައި ބޮޑު ބަހުސެއް ހިންގަމުން އަންނަ އިރު މާލޭގެ ރަށްވެހިން ގޮތުގައި ތިބެ ބޯހިޔާވަހިކަމެއް ނެތް އެތައް ޢާއިލާއެއް ތިބިކަމަށާއި، އެފަރާތްތަކުގެ ޙައްޤުތަކަށް ވެސް ދަނީ އެއްބަޔަކު ވަކާލާތު ކުރަމުންނެވެ. އަދި މި ބަހުސްގެ ތެރެއިން ''މާލެ، ރާއްޖެތެރެ'' ބަހުސް ވަނީ ފުޅާވެ ދިގުލާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި