ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ 6،500 ރުފިޔާއަށް ކުޑަކޮށްފިއެވެ.
ނިމުނު ދައުރުގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި އިމްތިޙާންގެ ފީ އެއް ކަމުގައި ކަނޑައަޅާފައި ވަނީ 10،000 ރުފިޔާއެވެ. ނަމަވެސް އަލަށް ހޮވުނު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ވަނީ މި ޢަދަދު ކުޑަކޮށް އެކަން މިއަދު ޢިއުލާން ކޮށްފައެވެ.
ބާ އިމްތިހާނު މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ބާ ކައުންސިލުން ވިދާޅުވީ، އެ ދުވަހު އޮންނަ ބާ އިމްތިޙާނުގެ ފީ ގެ ގޮތުގައި ކެނޑިޑޭޓުން ދައްކަންޖެހޭނީ 6,500 ރ (ހަ ހާސް ފަސް ސަތޭކަ ރުފިޔާ) ކަމަށެވެ.
ބާ އިމްތިޙާނުގެ ފީ ކަނޑައެޅުމުގައި އިމްތިޙާނު ފަރުމާކުރުމަށާއި އިމްތިޙާނު ބޭއްވުމަށް ހިނގާނެ ޚަރަދާއި، މި އަހަރު ބާ އިމްތިޙާނުގައި ބައިވެރިވާނެކަމަށް ލަފާ ކުރެވޭ ކެނޑިޑޭޓުންގެ އަދަދާއި، އަދި ބާ އިމްތިޙާނު ބޭއްވުމަށް ލިބިފައިވާ ގްރާންޓް އެހީ އަށް ރިޢާޔަތްކޮށްފައިވާނެ ކަމަށް އެކައުންސިލުން ވިދާޅުވެއެވެ.
އެގޮތުން އިމްތިޙާނުގެ ޚަރަދު، އިމްތިޙާނުގައި ބައިވެރިވާނެކަމަށް ލަފާކުރާ ކެނޑިޑޭޓުންގެ ޢަދަދުން ބަހާލުމުން، ކޮންމެ ކެންޑިޑޭޓަކަށް ޖެހޭ ޢަދަދު މިއަށްވުރެ މަތި ނަމަވެސް، ބާ ކައުންސިލަށް ލިބިފައިވާ ގްރާންޓް އެހީ މި ޢަދަދުން އުނިކޮށް، ކެނޑިޑޭޓުން ދައްކަންޖެހޭ ފީ އަށް ލުއި ދިނުމަށް، ދެވަނަ އެގްޒެކެޓިވް ކޮމިޓީއިން ނިންމީ ކަމަށް ބާ ކައުންސިލް ވިދާޅުވެއެވެ.
އެކައުންސިލުން ވިދާޅުވީ މި އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަކޮށް މި ލުއި ދިނުމަށް ނިންމާފައިވަނީ ބާ އިމްތިޙާނުގެ ފީ ގެ ގޮތުގައި ދައްކަންޖެހޭނެ ޢަދަދެއް ދުރާލާ ކެނޑިޑޭޓުންނަށް އެނގިފައިނެތުމުގެ ސަބަބުން މިފަދަ ޚަރަދެއްކުރުމަށް ލިބިފައިވާ ވަގުތަކީ އެކަށީގެންވާ ވަގުތެއް ނޫންކަމަށް އިމްތިޙާނުގައި ބައިވެރިވާ ކެނޑިޑޭޓުންގެ ފަރާތުން ބާ ކައުންސިލާ ޙިއްސާކޮށްފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް ކަމަށެވެ.
ބާ އިމްތިޙާނުގެ ފީ އަކީ ނޮން-ރީފަންޑަބަލް ފީ އެއްކަމަށާއި، މި ފީ ދެއްކުމުގެ ސުންގަޑި އަކީ އަންނަ ނޮވެމްބަރު މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ޖަހާއިރުކަމަށް ބާ ކައުންސިލްގެ މިއަދުގެ ޢިއުލާންގައި ވިދާޅުވެފަވެއެވެ. އަދި އެ ތާރީޚަކީ ފީ ދެއްކުމަށް ލިބޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަލައިގެން އެންމެހާ ކެންޑިޑޭޓުން ތައްޔާރުވުމަށް ވެސް އެ ޢިއުލާނުގައި އެ ކައުންސިލުން އިލްތިމާސްކުރަށްވާފަވެއެވެ.
ބާ އިމްތިޙާނުގެ ފީ ދައްކަން ޖެހޭނީ ފީ ގެ ގޮތުގައި ކަނޑައެޅިފައިވާ ޢަދަދު އެއްކޮށެވެ.
މި އިމްތިޙާނާ ބެހޭ އިތުރު މަޢުލޫމާތު 'ބާ އެގްޒާމް ސްޓެންޑަޑްސް 2022' އަދި 'އެސެސްމަންޓް ރޫލްސް އެންޑް ޕޮލިސީސް' އިން ލިބިވަޑައިގަންނަވާނެ ކަމަށް ބާ ކައުންސިލްގެ ޢިއުލާންގައި ވިދާޅުވެފަވެއެވެ.
2023 އިން ފެށިގެން ބޭއްވޭ އިމްތިޙާނުތަކުގެ ފީ
ބާ އިމްތިޙާނުގެ ފީ އަކީ ކޮންމެ އަހަރަކު ބާއްވާ ބާ އިމްތިޙާނަކަށް ހިނގާނެ ޖުމްލަ ޚަރަދަށް ބަލައިގެން އެ އިމްތިޙާނަކަށް ވަކިން ކަނޑައެޅޭ ފީ އަކަށްވާތީ، ކޮންމެ އިމްތިޙާނަކަށްވެސް ކަނޑައެޅޭ ފީ އަކީ ތަފާތު ފީ އަކަށްވާނެ ކަމަށް އެކައުންސިލުން ފާހަގަ ކުރަށްވާފަވެއެވެ. އަދި ފީ ކަނޑައެޅުމުގައި ބެލޭ ކަންކަމަކީ އިމްތިޙާނު ފަރުމާކުރުމަށާއި އިމްތިޙާނު ބޭއްވުމަށް ހިނގާނެ ޚަރަދާއި އެ އިމްތިޙާނެއްގައި ބައިވެރިވާނެކަމަށް ލަފާ ކުރެވޭ ކެންޑިޑޭޓުންގެ ޢަދަދު ކަމަށްވެފައި، 2023 ވަނަ އަހަރުން ފެށިގެން ބާ އިމްތިޙާނު ބޭއްވުމަށް ބާ ކައުންސިލަށް ގްރާންޓް ފައިސާ ލިބިފައި ނުވާތީ، ކުރިއަށް އޮތް ތަނުގައި އިމްތިޙާނުގެ ފީ ބޮޑުވެދާނެކަމާއި، އިމްތިޙާނު ދެމެހެއްޓެނިވި ގޮތެއްގެ މަތިން ބޭއްވުމަކީ އެ ކައުންސިލުގެ މަސްއޫލިއްޔަތެއް ކަމުގައިވާތީ، މިކަން، 2023 ވަނަ އަހަރުން ފެށިގެން ބާ އިމްތިޙާނުގައި ބައިވެރިވެ ޤާނޫނީ ދާއިރާއަށް ވަނުމަށް ޤަސްދުކުރާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަކަމަށް ވެސް އެކައުންސިލުން ވިދާޅުވެފަވެއެވެ.
ނިމުނު ދައުރުގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި އިމްތިޙާން ބޭއްވުމަށް ކުރިން ނިންމީ މިއަހަރުގެ ޖޫން 25 ވަނަ ދުވަހުއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ބާ ކައުންސިލުގެ އާ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުވުމާ ހަމައަށް މި އިމްތިޙާނު ބޭއްވިފައެއް ނުވެއެވެ.
ބާ ކައުންސިލުން މިއަދު ވަނީ އެ އިމްތިޙާނުގައި ރަޖިސްޓަރީ ވުމަށް ވެސް ހުޅުވާލާފައެވެ. އެ އިމްތިހާނުގައި ރަޖިސްޓަރީ ވުމުގެ ސުން ގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!