ށ. ފޭދޫގެ ތަރައްގީއަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވެވަޑައިގެން ވައުދުތައް ދަނީ ފުއްދަވައިދެއްވަމުން ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ފޭދޫ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ރައީސް ޞާލިޙާ މިއަދު ބައްދަލުކުރެއްވުމަށް ފަހު، ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް މިއަދު ''ތިލަދުން'' އަށް ވިދާޅުވީ، މިއީ ރައީސަކު ފޭދޫގެ ކައުންސިލަކާ މި ގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ރައީސް ޞާލިޙް ފޭދޫގެ ތަރައްގީއަށް ދެއްވާ އިސްކަން ފާހަގަކުރެއްވުމާއެކު އެ މަނިކުފާނުގެ ވައުދުތައް ފުއްދަވަމުން ގެންދަވާތީ، ރައިޝަމް ވަނީ ފޭދޫ ރައްޔިތުންގެ ނަމުގައި ރައީސަށް ޝުކުރު ދަންނަވާފައެެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުވުމުގައި ފޭދޫ ކައުންސިލުން ވަނީ، ފޭދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ރައީސް ޞާލިޙް ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވަމުން ގެންދަވާ ކަމަށް ފާހަގަކުރައްވާފައި ކަމަށެވެ. އަދި ރަށުގެ ތަރައްޤީއަށް އަމާޒުކޮށް ވޭތުވެދިޔަ ސަރުކާރުތަކުން ހިންގައިފައިނުވާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް މިހާރު ވެސް ހިނގަމުންދާ ކަން ކައުންސިލުން ފާހަގަކުރެއްވެވި ކަމަށެވެ. އެހެންވެ ކައުންސިލުން ވަނީ އެ ކަމަށްޓަކައި ފޭދޫގެ ރައްޔިތުންގެ ނަމުގައި ރައީސަށް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ފޭދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ވަނީ އެ ރަށުގެ ޒުވާނުނަށް ހޭންޑްބޯލް ކުޅޭނެ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށާއި އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް އިތުރަށް ތަރައްޤީކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަށުގައި އިތުރު ޕޮލިހުންނަށް މަސައްކަތްކުރެވޭނެ މަގުފަހިކޮށްދެއްވުމަށާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދަން ބޭނުންވާކަމަށް ރައީސް އަރިހުގައިވަނީ ދަންނަވާފައެވެ.
މީގެ އިތުރުން މިހާރު ތަރައްޤީކުރަމުންދާ ބަނދަރަށް ގެންނަންބޭނުންވާ ބަދަލުތައް ވެސް ކައުންސިލް މެމްބަރުން ވަނީ ފާހަގަ ކުރަށްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަނދަރުގެ މަޝްރޫޢު ނިމިގެން ދާއިރު ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރެވިގެންދާނެކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!