ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޔޫރީ މަޓެރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މިއީ ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޔޫރީ މަޓެރީ، ރައީސް ޞާލިޙްގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތެކެވެ.

Ad
rt

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ، ރާއްޖެއާއި ރަޝިޔާގެ ގުޅުން ބަދަހިކުރެއްވުމަށް ރަޝިޔާގެ ސަފީރު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅަށް ތަޢުރީފުކުރައްވާފައެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި ރަޝިޔާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ފާއިތުވި އަހަރުތަކުގައި ރާއްޖެއާއި ރަޝިޔާއާ ގުޅުން ބަދަހިވެގެން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެ ބޭފުޅުން ވާހަކަފުޅުދައްކަވާފަވެއެވެ. އެ ގޮތުން، ވިސާގެ ލުއިފަސޭހަކަން ހޯދުމަށް ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ މައްޗަށް ވާހަކަފުޅުދައްކަވައި އެކަމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިވިކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.