ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހއ. އުތީމުގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި މަހު 11 އިން 13 އަށް އުތީމުގައި ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މިއީ މިގޮތަށް ކުރިއަށް ގެންދިޔަ 84 ވަނަ ފުރާވަރު ކޭމްޕެވެ.

Ad
rt

އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި އުތީމު ޣާޒީ ބަންޑާރައިން ސްކޫލް، މުރައިދޫ ސްކޫލް، ވަށަފަރު ސްކޫލް ފިއްލަދޫ ސްކޫލު އަދި ކުރިނބީ ސްކޫލްގެ ދަރިވަރުން ހިމެނޭހެން 131 ދަރިވަރުން ބައިވެރިވިއެވެ.

މި ކޭމްޕް ނިންމުން ފާހަގަ ކުރުމުގެ ގޮތުން އުތީމު ޣާޒީ ބަންޑާރައިން ސްކޫލްގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަޕަރނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމެވެ. މި ރަސްމިއްޔާތުގައި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު، ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު، ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ފަޔާޒްގެ އިތުރުން މި ކޭމްޕުގައި ބައިވެރިވި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ބައިވެރިވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސްޕްރިންޓެންޑެންޓް އޮފް މުޙައްމަދު ޝިހާމް ދެއްކެވި ވާހަކަފުޅުގައި ވަނީ ދަރިވަރުންގެ އުމުރާ ގުޅޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލު ކުރުމަށް ކޭމްޕު ނިންމި ދަރިވަރުންނަށް އިލްތިމާސް ކުރައްވައި، ކޭމްޕުން ދަސްވި ކަންކަން އަމަލީ މައިދާނުގައި ބޭނުންކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މި ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، މިގޮތުން، ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމަށް މަސައްކަތްކުރާނެގޮތް އުނގަންނައިދީފަވެއެވެ. އަދި ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި އާދަކާދަތައް އުނގަންނައި ދިނުމާއެކު ގަޑިން ގަޑިއަށް ކަންކަން ކުރުމަށް ސަމާލުކަންދީ ކްލާސްތަކަށް ގަޑިއަށް ހާސިރުވުމަށް ކޭމްޕުގައި ބާރުއަޅާފައިވެއެވެ. އަދި ޒިންމާދާރުކަން، އިހުތިރާމްކުރުން، ތެދުވެރިކަން އިސްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އަދި ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން އުނގަންނައިދީފައިވެއެވެ.

މި ކޭމްފުގެ ތެރެއިން ސްކޫލްތަކުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވާއިރު، މިގޮތުން، ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބައެއް ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.