ހދ. ކުމުންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކުމުންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ ކައުންސިލުން އިސްނަގައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 11 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމް ލިސްޓް ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 17 ސެޕްޓެމްބަރ 2022 އެވެ. މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ 21 އޮކްޓޯބަރ 2022 ގައެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތިރީގައި ބަޔާން ކުރެވިފައިވާ އީމެއިލްއަށް ނުވަތަ އެ ކައުންސިލަށް ވަޑައިގެން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ހުށަހެޅުއްވުމަށެވެ.
އީމެއިލް: esms@kumundhoo.gov.mv
މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 9183128 ،9997157 މި ނަމަބަރުތަކަށް ގުޅުއްވައި މަޢުލޫމާތު ސާފް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!