މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފްލާގައި މަސްވެރިކަމުގެ ދާއިރާއިން މަސްވެރިކަން ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނެވި ހއ ދިއްދޫ، ނިޝާން، ޢަބްދުﷲ ޝަފީޤު (ވާތި ޝަފީޤު) މަސްވެރިކަން ކުރައްވަން ފެއްޓެވީ އުމުރުން ހިތްޕުޅުގައި މަސްވެރިކަމަށް 15 އަހަރުގައި އޭނާގެ ބައްޕަ އާއި އެކުއެވެ. ޝަފީޤު މަސްވެރިކަމަށް ޝައުޤު ފެދުނީ އޭނާގެ ބައްޕަ އެކަމަށް ބެހެއްޓެވި އަހަންމިއްޔަތު ކަމުގެ ސަބަބުންނެވެ.
ޝަފީޤު ވަނީ ފަޅުވެރިއެއްގެ ގޮތުގައި 10 އަހަރު މަސައްކަތް ކުރައްވާފައެވެ. ޝަފީޤުގެ ކެޔޮޅުކަމުގައި މަސްއޮޑިފަހަރު ދުއްވަވަން ފެށްޓެވިއިރު އޭނާގެ އުމުރަކީ އެންމެ 25 އަހަރެވެ. މަސްވެރިކަމުގައި ހޭދަކުރެއްވި 28 އަހަރުގެ ތެރޭގައި ޝަފީޤުވަނީ އެކިފަހަރު މަތިން 4 ދޯންޏެއްގައި އޭނާގެ ކެޔޮޅު ކަމުގައި މަހަށް ދުއްވާފައިވެއެވެ. މިއިން ކޮންމެ ދޯންޏެއްވެސް މަސްވެރިކަމަށް ދުއްވަވައިދެއްވާފައިވަނީ ކޮންމެ ހަފުތާއެއްގެ މަސްވެރިކަމުން ލިބޭ އާމްދަނީއިން ފަޅުވެރިންގެ ކެއުމުގެ ޚަރަދާއި، ތެލުގެ ޚަރަދާއި، ދޯންޏަށް ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކެނޑުމަށްފަހު ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި ފަޅުވެރިންނަށް ލިބޭގޮތަށެވެ. އަނެއްބައި އޮޑިވެރި ފަރާތަށް ލިބޭގޮތަށެވެ.
މަސްވެރިކަމުން ޝަފީޤަށް ލިބިވަޑައިގެންނެވި އާމްދަނީއިން 18 ރިޔަނުގެ ދޯންޏަކާއި، 38 ރިޔަނުގެ ދޯންޏަކާއި، އަދި 40 ރިޔަނުގެ
ދޯންޏެއް ބަންނަވާފައިވެއެވެ. މީގެތެރެއިން 40 ރިޔަނުގެ "ނިޢުމަތް" ދޯންޏަކީ ދޮށިގެ މަސްވެރިކަމަށާއި ބޮޑުކަންނެލީގެ މަސްވެރިކަމަށް 8.7 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ޒަމާނީ ފެންވަރެއްގައި ފައިބަރުން އުފައްދަވާފައިވާ ދޯންޏެކެވެ. "ނިޢުމަތް ދޯނީގެ އޮޑިވެރިޔަކީ އަދި ކެޔޮޅަކީވެސް ޝަފީޤެވެ.
ޢަބްދުﷲ ޝަފީޤަކީ ޒުވާން ޖީލުގެ މަސްވެރިންނަށާއި، ރަށުގެ ޒުވާނުންގެ ތެރެއިން މަސްވެރިކަމަށް ޝައުޤު ހުންނަ ޒުވާން ކުދިންނަށް މަސްވެރިކަމާބެހޭ ހުނަރުތައް ދަސްކޮށްދެއްވައި، އެކަމަށް ކުދިން ޝައުޤުވެރިކުރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ. އެގޮތުން މީގެތެރޭގައި ދޯނި ދުއްވުމާއި، އެންވެރިކަން ކުރާނެގޮތާއި، ދޮށި އަޅާނެގޮތް ދަސްކޮށްދެއްވުން ހިމެނެއެވެ. ޝަފީޤުގެ ފަރާތުން ލިބުނު މަޢުލޫމާތާއި، ތަޖުރިބާއާއެކު އަމިއްލަ ކެޔޮޅުކަމުގައި މަހަށް ފުރާ ފަސް މީހުން މިހާރުވެސް ހއ. ދިއްދޫގައި މަސްވެރިކަން ކުރަމުންދެއެވެ.

ޝަފީޤަކީ އެރަށުގައިި ކުރާ އިޖްތިމާޢީ މަސައްކަތް ތަކަށް އެހީވުމުގައިވެސް ނަމޫނާ މިސާލެކެވެ. ޝަގީޤުވަނީ އަމިއްލަފުޅަށް އިސްނަންގަވައިގެން ހއ. އަތޮޅު ދަށްބިތުގައި އަޅާފައިވާ މަސްކަނދުފަތީގައި ދާގަނޑު ހަރުކުރުމުގެ މަސައްކަތް ކުރައްވާފައެވެ. އަދި މި މަސައްކަތުގައި ބައިވެރިވި މީހުންގެ ކެއިންބުއިމާއި، ދޯންޏަށް ބޭނުންވާ ތެލުގެ ޚަރަދު ހަމަޖައްސަވައި ދެއްވީ ޝަފީޤެވެ. ދިއްދޫ މިސްކިތުގެ އާބާތުރަ ފިލުވުމުގެ ގޮތުން ކުރާ މަސައްކަތްތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދެއްވައެވެ. ރަށު ކައުންސިލަށާއި، ކުލަބު ޖަމުޢިއްޔާތަކުން ކުރިއަށްގެންދާ އިޖުތިމާއީ ހަރަކާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ އަމަލީ ގޮތުން އެމަސައްކަތްތަކުގައި ބައިވެރިވެ ލައްވައެވެ.
ޝަފީޤަށް ވަނީ 1991 ވަނަ އަހަރު ޖަމާޢަތަށް ފައިދާހުރި ހިތްވަރުގަދަ ކަމެއް ކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. ޝަފީޤަށް މިހާރުވެސް ދޮށީގެ މަސްވެރިކަމާއި، ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި އަމިއްލަ އޮޑީގައި އަމިއްލަ ކެޔޮޅުކަމުގައި މަސްވެރިކަން ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ ނަމޫނާ ކެޔޮޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!