ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގައި އިއްޔެވެސް 2 މެޗު ކުޅެފައިވެއެވެ. އިއްޔެ ހަވީރު ކުޅެވުނީ މުބާރާރާތުގެ 9 ވަނަ މެޗެވެ. ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ޓީމް ވައިކަރަދޫ ވިޔެސް އެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ.
މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބު ކުރީ 20-25 އިން ނެވެ. ދެވަނަ ސެޓު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އިން 19-25 އިން ކަމާިޔާބުކުރިއިރު މެޗުގެ 3 ވަނަ ސެޓު އެޓީމުން އިން ކާމިޔާބުކުރީ 20-25 އިން ނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ގެ އަލީ ހުޒާމް އެވެ.
މުބާރާތުގެ 10 ވަނަ މެޗު ކުޅެފައިވަނީ ރޭ 20:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައެވެ. މި މެޗުގައި ބައްދަލުކުރީ ޓީމް ކުޅުދުއްފުށި އަދި ޓީމް ނޮޅިވަރަމް އެވެ. ޓީމް ނޮޅިވަރަމް އޮން ވަނީ ފަސޭހަ ކަމާއިއެކު ޓީމް ކުޅުދުއްފުށި ބަލިކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު 11-25 އިން ޓީމް ނޮޅިވަރަމް އިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ 13-25 އިން ނެވެ. މެޗުގެ 3 ވަނަ ސެޓުގައި ވެސް ފަސޭހަކަމާއިއެކު ޓީމް ނޮޅިވަރަމް އިން ކާމިޔާބު ކުރީ 14-25 އިން ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް ނޮޅިވަރަމް ގެ އާދަމް ނަސީމް އެވެ.
މި މުބާރާތުގެ 2 މެޗު މިއަދުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު 16:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް ހަނިމާދޫ އަދި ޓީމް ނޮޅިވަރަމް އެވެ. މިމެޗަށް ނުކުންނައިރު މުބާރާތުގައި މި ދެޓީމު ވަނީ ހުރިހާ މެޗަކުންވެސ މިހާތަނަށް މޮޅުވެފައެވެ. މި މެޗަށް ނިކުންނައިރު މި 2 ޓީމަށްވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ.
މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މުބާރާތުގައި އެންމެ ފުލުގައި އޮތް 2 ޓީމު ކަމަށްވާ ވައިކަރަދޫ ވިޔެސް އަދި ޓީމް ފިނޭ އެވެ. ވައިކަރަދޫ ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެފައި ވާއިރު ފިނޭ ވެސް ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފައެވެ. ވައިކަރަދޫ އަށް އެއްވެސް ޕޮއިންޓެއް ލިބިފައިނުވާއިރު ފިނޭ އަށް ލިބިފައިވަނީ ކުޅުދުއްފުށި މެޗުގައި2 ސެޓު ކާމިޔާބުކުރުމުން 1 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!