ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ދިވެހި ޒުވާނުންގެ ފަރާތުން ވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެން ދިޔަ ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީކައުންސިލާއި ރާއްޖޭގައި ހުންނަ އދ.ގެ އޮފީސް ގުޅިގެން، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، ކޯވިޑް-19 އާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވި ދަތިތަކާއި އަދި އިޤުތިޞާދީ އިޖުތިމާއީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ނައިބު ރައީސް ވިދާޅުވީ، ކޯވިޑް-19އިން އަރައިގަނެ ކުރިޔަށް ދިޔުމަށް މަސައްކަތް ކުރާއިރު، މުޖުތަމުގެ ވިސްނުންތަކާއި އެކު ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރެއް އޮތުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އެކަމުގައި އޮތް ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ މަސައްކަތް ކުރަން ޖެހޭކަމުގައި ވެސް ވިދާޅުވިއެވެ.
''ރާއްޖޭގެ ތަރައްޤީގައި ޒުވާން އާބާދީ އަދާކުރަނީ ވަރަށް މުހިންމު ދައުރެއް''
ނައިބު ރައީސް ވިދާޅުވީ، ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުންގެ ފަރާތުން ވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެން ދިޔަ ކަމަށެވެ. އަދި އެމަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ޒުވާނުންގެ އާބާދީ އަކީ ރާއްޖޭގެ މުސްތަޤްބަލަށް އުންމީދީ އާބާދީއެއްކަން ހާމަވެގެން ގޮސްފައިވާ ކަމުގައި ވެސް ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިއަދު ރަސްމީކޮށް ކުޅުދުއްފުށީ ސިޓީގައި ފެށިގެން ދިޔައިރު މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ، "ޖީލުތަކުގެ އެއްބައިވަންތަކަށް، ހުރިހާ އުމުރުފުރައަކާއި ގުޅޭ ދުނިޔެއެއް ބިނާކުރުން." އެވެ.
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!