އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗްތަކުން އާސެނަލާއި މެންޗެސްޓާ ސިޓީން ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވިއިރު، ބްރެންޓްފޯޑް އިން ޔުނައިޓެޑް ލަދު ގަންނަވާ ލައިފިއެވެ.
ސިޓީ ވަނީ މިރޭ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއިން ބޯންމައުތު ބަލިކޮށްފަ އެވެ. އާސެނަލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލެސްޓާ ސިޓީގެ މައްޗަށް ކުރިހޯދީ 4-2ގެ ނަތީޖާއިންނެވެ. ޔުނައިޓެޑް ރަށުންބޭރުގައި ބްރެންޓްފޯޑް އަތުން ބަލިވީ 4-0 ގެ ނަތީޖާއިންނެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ 19 ވަނަ މިނިޓްގައި އާލިން ބްރައުޓް ހާލަންޑް ގެ އެހީތެރިކަމާއެކު އިލްކާއި ގުންޑޮގާން އެވެ. ދެވަނަ ގޯލެ ފިލް ފޯޑެންގެ އެހީތެރިކާއެކު މެޗުގެ 31 ވަނަ މިނިޓްގައި ސިޓީއަށް ޖަހއިދިނީ ކެވިން ޑި ބްރޭނާ އެވެ. އޭގެ ހަ މިނިޓް ފަހުން ޑި ބްރޭނާ ދިން ބޯޅައަކުން ފިލް ފޯޑެން ސިޓީގެ ތިން ވަނަ ގޯލު ޖެހި އެވެ. ސިޓީން ހަތަރު ވަނަ ގޯލަކީ ބޯންމައުތުގެ ޖެފަސަން ލެމާ އަތުންބައިކޮޅަށް ވައިން ގޯލެކެވެ.
އާސެނަލް ދަނޑުގައި ކުޅުނު މެޗުގައި އާސެނަލް އަށް ފުރަތަމަ ދެގޯލް ޖަހއިދިނީ ގަބްރިއެލް ޖީސަސް އެވެ. 23 ވަނަ މިނެޓްގައި ފުރަތަމަ ގޯލް ޖެހިއިރު ދެވަނަ ގޯލް ޖެހީ 35 ވަނަ މިނެޓްގައެވެ. އާސެނަލްގެ އަނެއް ދެ ގޯލު ޖެހީ ގްރޭނިޓް ޒަހާ އާއި ގަބްރިއެލް މާޓިނޭލީ އެވެ.
ލެސްޓާގެ ފުރަތަމަ ގޯލަކީ އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ގޯލު ޖެހީ ޖޭމްސް މެޑިސަން އެވެ.
ޔުނައިޓެޑް އަދި ބްރެންޓްފޯޑް ބައްދަލު ކުރި މެޗްގައި ބްރެންޓްފޯޑް ފުރަތަމަ ގޯލް ޖަހާފައިވަނީ މެޗުގެ 10 ވަނަ މިނިޓްގައެވެ. ޖޯޝް ޑަ ސިލްވާ ޖެހި މިގޯލަކީ ޔުނައިޓެޑް ކީޕަރ ޑޭވިޑް ޑެހެއާ އަތްދަށުން ވައިން ގޯލެކެވެ. ދެވަނަ ގޯލް ޖަހާފައިވަނީ މެޗްގެ 18 ވަނަ މިނެޓްގައި މަތިއަސް ޖެންސަން އެވެ.މިއީވެސް ޔުނައިޓެޑްގެ ކީޕަރ ޑެހެއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބްރެންޓްފޯޑް އިން ކާމިޔާބް ކުރި ގޯލެކެވެ.
ބްރެންޓްފޯޑްގެ ތިން ވަނަ ގޯލު މެޗުގެ 30 ވަނަ މިނިޓްގައި ޖަހއިދިނީ ބެން މީ އެވެ. އޭގެ ފަސް މިނިޓް ފަހުން ބްރްޔާން އެމްބުއޭމޯ 4 ވަނަ ގޯލް ކާމިޔާބް ކޮށް ބްރެންޓްފޯޑް އިން ވަނީ ޔުނައިޓެޑް ލަދު ގަންނަވައިލާފައެވެ. ފަހު ދެގޯލްވެސް ޖަހައިފައިވަނީ އިވާން ޓޯނޭ ގެ އެހީތެރިކަމާއެކުގައެވެ.
މިއީ 1937 ވަނަ އަހަރު ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ފަހުން ލީގްގައި ޔުނައިޓެޑް އަތުން ބްރެންޓްފޯޑް އަށް ލިބުނު ފުރަތަމަ މޮޅެވެ.
ޔުނައިޓެޑުން މިވަނީ އެންމެ ފަހުން ރަށުން ބޭރުގައި ލީގުގައި ކުޅުނު ހަތް މެޗުން ވެސް ބަލިވެފަ އެވެ. މިއީ ވޭތުވެދިޔަ 86 އަހަރުތެރޭ ޔުނައިޓެޑްގެ އެންމެ ދަށް ރެކޯޑެވެ.
ލީގްގައި ހޮނިހިރު ދުވަހު ކުޅުނު އެހެން މެޗްތަކުގެ ނަތީޖާ
* އެސްޓަންވިލާ- 2 އެވަޓަން -1
* ބްރައޓަން -0 ނިއުކާސަލް ޔުނައިޓެޑް -0
* ސައުތެމްޓަން -2 ލީޑްސް ޔުނައިޓެ-2
* ވޫލްސް -0 ފުލަމް -0
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!