އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެ ނަތީޖާފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިހެން ވިދާޅުވީ، ޢިމާދުއްދީން ސްކޫލުގައި ޤާއިމްކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި" އިފްތިތާޙްކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް ފަންނާއި ހުނަރުތައް ދަސްކޮށްދިނުމަށް މަރުކަޒުތަކާއި ވަސީލަތްތައް ޤާއިމް ކުރުމާއި ހަމައިން ނިންމާނުލައި މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވަޢުދުގެ ތެރެއިން، ތެރަޕިއުޓިކް ފަރުވާތައް ހިލޭ ފޯރުކޮށްދޭންފެށިފައިވާ ކަމަށާއި އެދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވި އޭގެ ނަތީޖާ ފެންނަމުންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ހދ ކުޅުދުއްފުށީގައި ވަރަށް އަވަހަށް މިފަދަ ޚިދުމަތްތައް ފެށުމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ.
ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީން ދިނުމަށްޓަކައި ގާއިމްކުރާ ހަބް ސްކޫލްތަކުގެ ތެރެއިން ޢިމާދުއްދީން ސްކޫލުގައި ޤާއިމްކުރި ހުނަރާއި އީޖާދުގެ މަރުކަޒު ''ފަންނު ވެށި'' ރޭ އިފްތިތާޙްކޮށްފައިވާއިރު، މި މަރުކަޒަކީ، ދިވެހިރާއްޖޭގެ ތަޢުލީމުގެ ގާނޫނުގައި ހިމެނޭ ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި ގާއިމުކުރެވިގެންދިޔަ މަރުކަޒެކެވެ. އަދި ތައުލީމީ ގާނޫނުގެ ދަށުން ރަސްމީތަޢުލީމުގެ ތެރެއިން ވޮކޭޝަނަލް އެޑިޔުކޭޝަން ތަޢާރަފް ކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުވެސް މެއެވެ.
ރާއްޖޭގެ ތައުލީމާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓިފިކެޓް ލެވެލް 3 ގެ ސަނަދާއެކު ދަސްވެނިވާ ދަރިވަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!