ލިވާތުކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި ހުރި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ދޫކޮށްލައިފިއެވެ.
ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރު އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ނާޒިމްގެ ބަންދުގެ މުއްދަތާމެދު ގޮތް ނިންމުމަށް ޖުލައި 29 ވަނަ ދުވަހު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާ ހަތް ދުވަހު ބަންދުގައި ބަހައްޓަން މުއްދަތު ޖަހާފައެވެ.
އެ މުއްދަތު ހަމަވާތީ އޯގަސްޓް 5 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އިތުރު ހަތް ދުވަހު އޭނާ ބަންދުގައި ބަހައްޓަން މުއްދަތު ޖަހާފައެވެ.
އެ މުދައްތު މިއަދަށް ހަމަވެފައިވާއިރު، ނާޒިމް މިރޭ ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ހަމަވުމުން ފުލުހުންކަމަށް މައުލޫމާތު ލިބެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ހައްޔަރު ކުރީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވިޑިއޯއެއް ލީކުވުމުން އެކަމުގެ ތަޙްގީގަށެވެ. ފުލުހުން މިހާރު ވަނީ މައްސަލާގެ ތަހުގީގު ނިންމައި, ނާޒިމްގެ މައްޗަށް ދައުވާ ކުރުމާމެދު މަޝްވަރާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފަ އެވެ.
ނާޒިމްގެ އިތުރުން އެ މައްސަލާގައި އިތުރު ތިން މީހަކު ވެސް ހައްޔަރުކުރިއެވެ. އެ މައްސަލައާއިގުޅިގެން މީގެ ކުރިން ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކުރީ، ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރު އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަޙްޤީޤަށް ކަމަށެވެ.
އެ ދެ މީހުންގެ ވަނަވަރު ހާމަ ނުކުރިނަމަވެސް އެއީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އާއި ފުލުުސް އޮފިސަރެއްކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. މި ދެ މީހުންވެސް އަލަމްގީރުއާއެކު ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯތައް ވަނީ އާންމުވެފައެވެ.
އެއްޖިންސުން ގުޅުން ހިންގުމަކީ، ﷲގެ ކޯފާ އާއި އަޒާބު މި ދުނިޔެމަތީގައި އަތުވެދާނެ ފަދަ ނުބައި ޢަމަލެކެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ހުތުރުކަން ބޮޑު ފާފައެކެވެ.
އެއް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ވެސް ކުށެކެވެ. ކުރިން މިފަދަ ކުށްތަކަށް ރާއްޖޭގެ ގާނޫނުން އޮތް އަދަބަށް ވުރެ މިހާރު ހުރި އަދަބުތައް ބޮޑެވެ. އަދި ގާނޫނު އޮތްގޮތުން މަރުގެ އަދަބު ވެސް މިހާރު އެކަމަށް ދެވިދާނެ އެވެ.
އިސްލާމީ ޝަރީއަތުގެ ދަށުން ބަލާއިރު އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ނުވަތަ ރަޖަމު ކުރުމެވެ. އެހެނީ، ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގައިވެ އެވެ.
"ލޫތުގެފާނުގެ ގައުމުގެ މީހުން ކުޅަ އަމަލެއް ކުރަނިކޮށް ތިޔަބައިމީހުންނަށް ފެނިއްޖެ ނަމަ، މަތީގައި އޮތް މީހާ އާއި ދަށުގައި އޮތް މީހާ ގަތުލުކުރާ ހުށިކަމެވެ."
މި ހަދީސް ބަސްފުޅުގައި، ލޫތުގެފާނުގެ ގައުމުގެ މީހުންނަށް ނިސްބަތް ކުރައްވާފައި އެވަނީ އެ ގައުމުގެ މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ ސަބަބުން މާތްﷲ ގެ ކޯފާއާ ކުރިމަތިވި ބަޔަކަށް ވާތީ އެވެ. އެހެންކަމުން އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ މެރުން ކަން ހަދީސް ބަސްފުޅުން ސާބިތުވެ އެވެ.
ލިވާޠު ކުރުމަކީ ޒިނޭ އަށްވުރެވެސް ފާޙިޝްކަން ބޮޑު ކަމެކެވެ. އެހެނީ ޒިނޭ އަކީ އެކަމުގައި ކުރެވޭ ކަންތައް ޢަގްދުކޮށްގެން ހުއްދަގޮތުގައި ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ލިވާޠު ހުއްދަ ކުރެވޭނެ ހަމައެއްވެސް ގޮތެއް ނޯވެއެވެ. އަދި އިންސާނުންގެ ބުއްދިންވެސް ބަލައިގަނެވޭނެ ކަމަކަށް އެކަން ނުވެއެވެ.
ލޫޠު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ.
( وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ﴿٨٠﴾ إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴿٨١﴾ ) މާނައަކީ:
“ އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.“
ސަލާމް ލެއްވި ލޫތުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!